ޚަބަރު

މަރުޙަލާތަކަކަށް ބަހާލައިގެން ދިއްލީގެ ފުރަބަންދަށް ލުއިތަކެއް ދެނީ


އިންޑިޔާގެ ދިއްލީ ސްޓޭޓުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ އުސޫލުތަކަށް މަރުޙަލާތަކަކަށް ބަހާލައިގެން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާއެވެ. ދުނިޔޭގެ އާބާދީގެ 18 އިންސައްތަ މީހުން ދިރިއުޅޭ އިންޑިޔާގައި މިހާތަނަށް 27.7 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 322،512 މީހުން މަރުވެފައިވާކަމަށް ރަސްމީ ޢަދަދުތަކުން ދައްކައެވެ.

އިންޑިޔާގެ ކޯވިޑް-19 ޙާލަތު ގޯސްވާން ފެށުމުން ބައެއް ބޮޑެތި ސްޓޭޓުތައްވަނީ ފުރަބަންދުކޮށްފައެވެ. އެގޮތުން ދިއްލީ ފުރަބަންދުކުރީ އޭޕުރިލް މަހުގެ 19ވަނަ ދުވަހެވެ. މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި ނިޔު ދިއްލީގައި ދުވާލަކު 25،000 މީހުންނަށް ބަލިޖެހުނެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ 1،500އަށް ދަށަށް ގޮސްފައެވެ.

ދިއްލީގެ ސަރަޙައްދީ ސަރުކާރުން ބުނީ މަރުޚަލާތަކަށް ބަހާލައިގެން ފުރަބަންދަށް ލުއިތަކެއް ދޭން ނިންމާފައިވާކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އޭގެ އިތުރު ތަފްޞީލުތައް ޙިއްޞާކުރާނެކަމަށެވެ. މި ވަގުތު ދިނުމަށް ހަމަޖެހިފައިވާ ލުއިތަކުގެ ދަށުން މެއި މަހުގެ 31ވަނަ ދުވަހުން ފެށިގެން ކާރުޚަނާތައް އަލުން ހުޅުވައި އިމާރާތްކުރުމުގެ މަސައްކަތްތައް ފެށުމުގެ ޙުއްދަދޭނެކަމަށް ސަރަޙައްދީ ސަރުކާރުން ބުނެއެވެ.

އިންޑިޔާގެ އެކި ސަރަޙައްދުތަކަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މަސައްކަތްތެރިން ދިއްލީގެ އިމާރާތްކުރުމުގެ ދާއިރާއާއި ސިނާޢީ ދާއިރާގައި މަސައްކަތްކުރެއެވެ. ފުރަބަންދުގެ ސަބަބުން އެ 2 ދާއިރާގެ މަސައްކަތްތައް ހުއްޓުމަކަށް އައުމުން ގިނަ ޢަދަދެއްގެ ހިޖުރަވެރިންނަށްވަނީ އާމުދަނީ ހޯދޭނެ މަގުތައް ގެއްލިފައެވެ.

ދިއްލީގެ ޗީފު މިނިސްޓަރު އަރުވިންދު ކާޖުރިވާލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އަޅައި ފިޔަވަޅުތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާ ކުރިމަތިލައި ބަނޑަށް ޖެހިގެން މަރުވައި ޙާލަތަކަށް ކަންކަން ގޮސްގެންނުވާނެކަމަށެވެ. ކާޖުރިވާލް ވިދާޅުވީ ދިއްލީގެ ޙާލަތު ކުރިޔަށްވުރެ ރަނގަޅުކުރެވުނީ ގިނަ މަސައްކަތްތަކެއް ކޮށްގެންކަމަށެވެ. އަދި ބަލިފެތުރޭ މިންވަރު އިތުރުވާނަމަ ފުރަބަންދު އުވާލުމުގެ މަރުޙަލާތައް ހުއްޓުމަކަށް އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.