ޚަބަރު

މެލޭޝިޔާގެ ފުރަބަންދު ހަރުކަށިކޮށް އިޤްތިޞާދީ ޙަރަކާތްތައް ހުއްޓައިލަނީ


މެލޭޝިޔާގެ ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދު އިތުރަށް ހަރުކަށިކުރުމަށް ނިންމައިފިއެވެ.

މެލޭޝިޔާގައި މިހާތަނަށް 549،514 މީހުންނަށް ކޯވިޑް-19 ޖެހި 2،552 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި މެލޭޝިޔާގައި ބަލި ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ސަބަބުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 8،290 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ ބަލިޖެހޭ މީހުންގެ އިތުރުވި ވިދިވިދިގެން ހަތަރުވަނަ ދުވަހެވެ. އޭގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ޖެހިގެން 61 މީހުން މަރުވެފައިވެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވީ އެ ޤައުމުގައި ދުވާލަކު ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށާއި ބަލިޖެހިފައިވާ މީހުންނަށް ފަރުވާދިނުމުގައި ހަސްފަތާލުތަކުން ދަތިތަކަކާ ކުރިމަތިލަމުންދާކަމަށެވެ. އެހެންކަމުން ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން 14ވަނަ ދުވަހާ ހަމައަށް މެލޭޝިޔާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓައިލުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެ މުއްދަތުގައި ކުރިޔަށްގެންދެވޭނީ ހަމައެކަނި ޒަރޫރީ ޚިދުމަތްތަކާއި ކޮންމެހެން މުހިންމު އިޤްތިޞާދީ ޙަރަކާތްތައްކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކޮން ޚިދުމަތްތަކެއްކަން އިޢުލާނުކުރާނީ އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ. އިޤްތިޞާދީ ޙަރަކާތްތައް ހުއްޓުމަކަށް ގެންނައުމުން ޢާންމުންނާއި ވިޔަފާރިތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ފޫބެއްދުމަށް ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އިޢުލާނުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފިޔަވަޅުތައް ހަރުކަށިކުރާ ފުރަތަމަ 2 ހަފުތާގެ ތެރޭގައި ބަލިފެތުރޭ މިންވަރު ދަށްކުރެވިއްޖެނަމަ ދެން އަންނަ 4 ހަފުތާގެ ތެރޭގައި ބައެއް ދާއިރާތަކުން މަސައްކަތްތައް ފެށުމަށް ޙުއްދަދޭނެއެވެ. ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައް އަލުން ހުޅުވައިލާނީ އޭގެ ފަހުންކަމަށް އޭނާ ވިދާޅުވިއެވެ.

32 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގައި މިހާތަނަށް 1.7 މިލިޔަން މީހުންނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒުވަނީ ދީފައެވެ. އެ ޤައުމުގައި ޢާންމުންނަށް ވެކްސިން ދެމުންދާ ދުވެލި ލަސްކަމަށް ބުނެ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.