ޚަބަރު

ޢައްބާސްގެ އެންގެވުމަށް ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލާ ފަލަސްޠީނުގެ ރައްޔިތުން ހައްޔަރުކުރަނީ


ފަލަސްޠީނުގެ ރައީސްގެ ގޮތުގައި ހުޅަނގުން ޤަބޫލުކުރާ މަޙްމޫދު ޢައްބާސްގެ އެންގެވުމަކަށް އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އަޑު އުފުލަމުންދާ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ހައްޔަރުކޮށްފިއެވެ.

އިސްރާއީލުން ހައްޔަރުކުރާ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާ އަމިއްލަ ޖަމުޢިއްޔާއެއްކަމަށްވާ ލޯޔަރސް ފޮރ ޖަސްޓިސްސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަސްޠީނުގެ ރައީސްގެ އެންގެވުމަކަށް މަދުވެގެން 20 މިހުން ހައްޔަރުކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރާ މީހުންނާއި ޖަލު ޙުކުމުތައް ތަންފީޒުކޮށްފައިވާ މީހުންނާއި މީސްމީޑިޔާގައި ޔަހޫދީންނާ ދެކޮޅު ޝުޢޫރުފައުޅުކުރައި މީހުން ހިމެނޭކަމަށް އެ ޖަމުޢިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަލަސްޠީނުގެ ސަރުކާރުން ހައްޔަރުކުރި ބައެއް މީހުންނަށް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ބޮޑެތި އަނިޔާތައް ދީފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ސަރުކާރުން އެފަދަ ގޮތަކަށް ޢަމަލުކުރަން ފަށާފައިވަނީ އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންދާ އެ ޤައުމުގެ ޢަރަބި ނަޞްލުގެ ރައްޔިތުންވެސް ހައްޔަރުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިސްރާއީލުގެ އަނިޔާވެރި ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައާއި އިރުމަތީ ޤުދުސްގައާއި ޣައްޒާގައި ޔަހޫދީންނާ ދެކޮޅަށް ބޭއްވި ތަފާތު ޙަރަކާތްތަކަށް ތާއީދުކުރުމުގެ ގޮތުން އެކި ޢަމަލުތައް ހިންގާފައިވާ އިސްރާއީލުގެ ޢަރަބި ދަރިކޮޅަށް ނިޞްބަތްވާ އެތައް ސަތޭކަ މީހުން ހައްޔަރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އޭގެ ތެރޭގައި އިސްރާއީލުގައި ދިރިއުޅޭ ޔަހޫދީންނަށް ޙަމަލާދިން މީހުންނާއި އިސްރާއީލުގެ ހިންގުމަށާއި އިޤްތިޞާދަށް ބުރޫއެރުވުމަށް ތަފާތު ހަޅުތާލުތަކުގައި ބައިވެރި މީހުންނާއި އިސްރާއީލުގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މުޒާހަރާކުރި މީހުން ހިމެނޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އިސްރާއީލުގެ ފުލުހުން ބުނާ ގޮތުގައި މެއި މަހުގެ 9ވަނަ ދުވަހުގެ ފަހުން އެ ޤައުމުގައި ދިރިއުޅޭ 1،550އަށްވުރެ ގިނަ ޢަރަބިންވަނީ ހައްޔަރުކޮށްފައެވެ.