ޚަބަރު

ބަޖެޓް ކޮމިޓީން، ބަޖެޓް ދިރާސާކޮށް ނިންމާލައިފި


 ބަޖެޓްކޮމިޓީން 2016 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓް ދިރާސާކޮށް ނިންމާލައިފިއެވެ. 

ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ނިންމާލިއިރު، 27.45 ބިލިއަން ރުފިޔާގެ ބަޖެޓްގެ ޖުމްލަ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ. ނަމަވެސް ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލެއް ނާންނަގޮތަށް ޖުޑީޝަރީގެ ބަޖެޓަށްވަނީ 20 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ޖުޑީޝަރީއަށް 20 މިލިއަން ރުފިޔާ އިތުރުކުރުން ފިޔަވައި އިތުރު ބަދަލެއް ކޮމިޓީން ބަޖެޓަށް ގެނެސްފައެއްނުވެއެވެ.

ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލުމަށްފަހު، ބަޖެޓް ކޮމިޓީގެ ރިޕޯޓް ހުށަހަޅާނީ މަޖިލީހުގެ ތަޅުމަށެވެ. 

މަޖިލީހުގެ ރައީސް ކަނޑައަޅާފައިވާ ތާވަލުގައިވާ ގޮތުން ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ތާވަލުކޮށްފައިވަނީ 23 އަދި 24 މި ދެދުވަހުއެވެ. 

ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމަށް ވޯޓަށް އަހާނީ މިމަހުގެ 26 ވަނަ ދުވަހުކަމަށް މަޖިލީހުގެ ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.