ވިޔަފާރި

ޖުލައިމަހުން ފެށިގެން ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ދުވާލަކު 4 ދަތުރު


އަންނަ ޖުލައިމަހުން ފެށިގެން ރާއްޖެއަށް ދުވާލަކު 4 ދަތުރުކުރުމަށް ޤަތަރު އެއަރވޭސްއިން ނިންމައިފިއެވެ.

ޤަތަރު އެއަރވޭސްއިން މިހާރު ދަނީ ރާއްޖެއަށް 3 ދަތުރު ބާއްވަމުންނެވެ.

ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތަށް އިތުރުކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުތެރޭ އަލުން ހުޅުވާލުމާއި އެކު ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓެކެވެ. މިއާއެކު ޤަތަރު އެއާވޭސްއިން ވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް 784 ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް 67634 ފަސިންޖަރުން ވަނީ އުފުލާފައެވެ.

މިއާއެކު ޤަތަރު އެއަރވޭސް ވެފައިވަނީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ދަތުރުތަށް ކުރާ އެއަރލައިނަށްވެފައެވެ.

ޤަތަރު އެއަރވޭސްގެ ފްލައިޓްތަކާއެކު ރާއްޖެއާއި ޔޫރަޕްގެ ޤައުމުތަކާއިވެސް ގުޅާލަދެއެވެ. އެގޮތުން ޔޫރަަޕްގެ ގިނަ އަދަދެއްގެ ފަތުރުވެރިން ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުގައި ރާއްޖެއަށް އާދެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު 30 އެއަރލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރޭގައި ހިމެނެނީ ޝެޑިއުލް ދަތުރުތައް ކުރާ 23 އެއަރލައިންއަކާއި، ޗާޓަރު ދަަތުރުތައް ރާއްޖެއަށް ބާއްވާ 7 އެއަރލައިންއެކެވެ.