ކުޅިވަރު

ފައިސަލް އަށް ޗައިނާ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑު - އަސްލަމް


ކީޕަރު ފައިސަލްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ ޗައިނާ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ޤައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރ އަސްލަމް ޢަބްދުއްރަހީމް ބުނެފިއެވެ.

ޤައުމީ ޓީމުން ވަރލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ބާކީ ހުރި މެޗުތަކަށް ތައްޔާރީތައް ފެށިއިރު ފައިސަލް ހުރީ އަނިޔާގައެވެ. ލީގުގެ ފަހު ބުރުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން އޭނާ އެއްކޮށް ރިކަވަރ އެއް ނުވެއެވެ.

ޤައުމީ ޓީމްގެ އެއް ނަންބަރު ކީޕަރަށް ލިބިފައިވާ އަނިޔާއާއި ގުޅޭގޮތުން ގޯލްކީޕަރު ޓްރެއިނަރ އަސްލަމް އަބްދުއްރަހީމް ބުނީ ފައިސަލްގެ އަނިޔާ މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށާއި، ޗައިނާ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. އަދި ފައިސަލް އަނިޔާއިން ރަނގަޅުވުމުގައި ކީޕަރު އިމްރާންގެ ދައުރުވެސް އަސްލަމް ފާހަގަކުރިއެވެ. އަސްލަމް ބުނީ ގޯލްކީޕިންގ ޑިޕާޓްމަންޓްގައި އޭނާއާއިއެކު އެކުގައި އިމްރާން މަސައްކަތްކުރުމަކީ ބޮޑު ފަސޭހައެއް ލިބޭކަމެއްކަމަށާއި، ފައިސަލްގެ އަނިޔާއިން ރަނގަޅުވުމަށް ފޯކަސްކޮށްގެން އިމްރާން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

"ފަލަމަސްގަނޑަށް ލިބިފައި އިން އިނޖަރީއެއް އެއީ، ރިކަވަރީގެ ކަންކަން ދަނީ ވަރަށް ރަނގަޅަށް، ވަރަށް ބޮޑަށް އުއްމީދު އެބައޮތް ފައިސަލް ޖޫން 3ގައި ކުޅޭ މެޗަށް ފިޓުވާނެކަމަށް." އަސްލަމް ބުންޏެވެ.

ފައިސަލްގެ އިތުރުން މިފަހަރުގެ ސްކޮޑުގައި ތިން ކީޕަރުން ހިމެނެއެވެ. އެއީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް، ޔޫވީގެ އަލީ ނާޖިހު އަދި ކުލަބު ވެލެންސިޔާގެ މުހައްމަދު ޝަފީއުއެވެ.