ކުޅިވަރު

ޔޫވީގެ ބިދޭސީ ކުޅުންތެރިން ފޮނުވާލައިފި


ޓީމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ޔުނައިޓަޑް ވިކްޓްރީގެ ބިދޭސީ ކުޅުންތެރިން ފޮނުވާލައިފިއެވެ.
ޔޫވީގެ ބިދޭސީ ކުޅުންތެރިން ގައުމްއަށް ފޮނުވާލާފައިވާއިރު، ދިރާގު ދިވެހި ޕްރިމިއަރ ލީގު އަލުން ފެށޭނެ ދުވަހެއް ނޭނގެއެވެ.

ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނީ ލީގު ފެށޭނެ ދުވަހެއް ނޭނގި އޮތުމާއި ގުޅިގެން ބިދޭސީ ކުޅުންތެރިންތައް ހިފަހައްޓައިގެން އިތުރު ފައިސާތަކެއް ހަރަދު ކުރުމުގެ ބަދަލުގައި، އެކުޅުންތެރިން ފޮނުވާލައިގެން ކުލަބަށް ލިބޭ ގެއްލުން ކުޑަކުރުންވެސް މާރަގަނޅުވާނެކަމަށް ކޯޗް އިހުސާން ބުންޏެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ހާލަތަސް ބަލާފައި، އަމިއްލަ ހައިސިއްޔަތުން ވާހަކަދައްކާނަމަ، ލީގު ދިގުލައިގެންދާނަމަ، ލީގުގެ ތިންވަނަ ބުރު ނުކުޅެ ދެވަނަ ބުރާއި ހަމައިން ނިންމާލަން ޖެހިދާނެކަމަށެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު ގޯސްވެ، އެޗްޕީއޭއެއިން އަޅާފައިވާ ފިޔަވަޅުތަކާއެކު ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ދަނޑުތައް ވަނީ ބަންދުކޮށްފައެވެ. ޔުނައިޓެޑް ވިކްޓްރީއަށް 4 ބިދޭސީ ކުޅުންތެރިއަކު ކުޅެމުންދެއެވެ. އެއީ ކިރްގިސްތާންގެ ކީޕަރު ރުސްލާން އާމިރޯފާއި މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް އަދި ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފްގެ އިތުރުން ފޯވާޑް ޔޫކްރޭނުގެ ކީރްލޯ ސިލިޗްއެވެ.

ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި)ބުނީ މިކުޅުންތެރިން ރޭގައި ޓެސްޓްތައް ހެދުމަށްފަހު ފުރާފައިވާއިރު، ކުލަބްގެ މެނެޖްމަންޓުން ނިންމާފައިވާ މިނިންމި ނިންމުމަކީ ވަރަށް ރަގަނޅު ނިންމުމެއްކަމަށެވެ. އަދި އެއްވެސް ކުޅުންތެރިއަކަށް އެކުޅުންތެރިއަކަށް ދޭންޖެހޭ މުސާރަ ނުދީ ބޭއްތިއްބުމަކީ ރަގަނޅު ކަމެއް ނޫންކަމަށްވެސް ސާންތި ފާހަގަކުރިއެވެ. އަދި ޔޫވީގެ މި4 ކުޅުންތެރިން ފުރާފައިވަނީ އެކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދިނުމަށްފަހުގައިކަމަށް ވެސް ސާންތި ބުންޏެވެ. ގިނަ ދުވަހު ކުޅުންތެރިން ބައިތިއްބައިގެން އެކުޅުންތެރިންނަށްވެސް ގެއްލުންވުމަށް ވުރެއް އެކުޅުންތެރިން ދޫކޮށްލުންވެސް މާރަގަނޅުވާނެކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ (ސާންތި) ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރު ނިމުމުއިރު، ތާވަލްގެ އެއްވަނައިގައި އޮތީ މާޒިޔާއެވެ. ދެވަނަގައި އޮތީ ކުލަބް ވެލެންސިޔާއެވެ. ތިންވަނާގައި ކުލަބް ގްރީން ސްޓްރީޓްސް އޮތްއިރު ތާވަލްގެ ހަތަރުވަނާގައި އޮތީ ކުލަބް އީގަލްސްއެވެ.