ވިޔަފާރި

ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި އިޤްތިޞާދު ކުރީގެ ހާލަތަށް ރުޖޫއަވާނެ: އަމީރު


ކުރިއަށްއޮތް 2 އަހަރުތެރޭ ރާއްޖޭގެ އިޤްތިޞާދު ކުރިން އޮތް ހިސާބަށް ދެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، އިޤްތިސާދީ ދުވެލި ކުރިއަރާ މިންވަރަށް ބަލާލާއިރު މިދިޔަ އަހަރު އިޤްތިސާދު ދަށަށް ދިޔަކަމަށް ލަފާކުރެވެނީ %29.3 އާއި %27.5 ދެމެދުގެ އަދަދަކަށްކަމަށެވެ. އަދި މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާ ކުރިން ލަފާކުރި މިންވަރަށް ވުރެ ބޮޑަށް ކުރިއަރާފައިވާތީ އިޤްތިސާދީ ދުވެލި %13.5 އާއި %34.1 އާއި ދެމެދަށް ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެންމެ ބޮޑަށް އިޤްތިޞާދު މިއަހަރު ކުރިއަރާނެކަމަށް ބެލެވެނީ ގާތްގަނޑަކަށް %22.7 ގައިކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އަލުން އަނބުރާ އިއާދަވަމުން އަންނައިރު ރާއްޖެއަކީ މިއަހަރު އިޤްތިޞާދު ކުރިއެރުން އެންމެ ރަނގަޅު އެއް ޤައުމުކަމަށެވެ. އަދި 2022 ވަނަ އަހަރާއި 2023 ހިސާބުގައި ރިސެޝަން އެކީ އަރައިގަނެވި 2019 ވަނަ އަހަރުގެ ޖީޑީޕީ ހުރި މިންވަރަށް ޖީޑީޕީ އިތުރުވާނެކަމަށް މިހާރު ލަފާކުރެވޭކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"2021 ވަނަ އަހަރު އިޤްތިސާދު ރަނގަޅުވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ފުރަތަމަ ކަމަކަށް ވެކްސިން ލިބެން ފެށުމާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައި މިވަނީ. އަދި އޭގެއިތުރުން ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖާއި އިކޮނޮމިކް ސްޓިމިއުލަސް ލޯނުތަކުން 2021 ވަނަ އަހަރު އިޤްތިސާދު އަލުން ކުރިއެރުމަށް މަގުފަހިކޮށްދީފައިވާކަމަށް އަޅުގަނޑުމެންނަށް މިހާރު އެބަ ފާހަގަކުރެވޭ. އަދި 2022 ވަނަ އަހަރާއި 2023 ހިސާބުގައި ރިސެޝަން އެކީ އަރައިގަނެވި 2019 ވަނަ އަހަރުގެ ޖީޑީޕީ ހުރި މިންވަރަށް ޖީޑީޕީ އިތުރުވާނެކަމަށް އަޅުގަނޑުމެންނަށް މިހާރު ލަފާކުރެވޭ" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، ބަލިމަޑުކަމުގެ ހާލަތުން އަދި މިންޖުވެފައިނުވުމާއި ކުރީގެ އިޤްތިޞާދުގެ ސައިޒަށް އަދި ރުޖޫއަވެފައިނުވާތީ މިއީ އިޤްތިޞާދަށް ސަޕޯޓްދޭންޖެހޭ ވަގުތެއްކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަންވެސް ކޯވިޑް19ގެ ކުރިން އޮތް ހާލަތައް އަންނަ އަހަރުގެ ކުރީކޮޅު ދެވޭނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.