ޚަބަރު

ފަރުވާ ބޭނުންވާ މީހުން ޣައްޒާއިން ނެރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ: ޑަބުލިޔުއެޗުއޯ


ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލުން ދިން ޢުދުވަނީ ޙަމަލާތަކުގައި ޒަޚަމުވި މީހުންނާއި ބަލިމީހުންނަށް ފަރުވާދިނުމަށް އެ މީހުން ޣައްޒާއިން ނެރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ގޮވާލައިފިއެވެ.

މެއި މަހުގެ 10ން 21އަށް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަރުގަދަ ޢުދުވާނީ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގެ ޢުމުރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން 250އަށްވުރެ ގިނަ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިންނާއި 39 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ. އަދި 1،900އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވެއެވެ. އިސްރާއީލުން ދިން ޢުދަވާނީ ޙަމަލާތަކުގައި 6 ހަސްފަތާލަކާއި 11 ޞިއްޙީ މަރުކަޒަކަށްވަނީ ގެއްލުން ލިބިފައެވެ.

ޣައްޒާއަކީ ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ސަރަޙައްދެކެވެ. 2 މިލިޔަން މީހުން ދިރިއުޅޭ ޣައްޒާއަކީ ދުނިޔޭގައި އެންމެ ބޮޑަށް ތޮށްޖެހިފައިވާ ސަރަޙައްދެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީ ސާމާނު އެތެރެކުރެވެނީ އިސްރާއީލާއި މިޞްރުން ޙުއްދަދިނުމުން އެކަންޏެވެ.

ޑަބުލިޔުއެޗުއޯއިން ބުނީ ދިގު މުއްދަތައް ބޭސްކުރާ މީހުން ހިމެނޭގޮތަށް 600އަށްވުރެ ގިނަ މީހުން ޣައްޒާއިން ބޭރަށް ގެންގޮސް ޞިއްޙީ ފަރުވާ ދޭންޖެހޭކަމަށެވެ. ނަމަވެސް ޣައްޒާއިން ބޭރަށް ނުކުތުމަށް އޮންނަ މަގުތައް ބަންދުކުރުމުގެ ސަބަބުން އެ މީހުން އަދިވެސް ތިބީ ޣައްޒާގައިކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ފަރުވާ ހޯދައިދިނުމަށް އެހީތެރިވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށާއި ޚާއްޞަކޮށް ޣައްޒާއިން ބޭރުން ލިބެންހުރި ފަރުވާ ހޯދުމަށް އެ މީހުންނަށް އެހީތެރިވެދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށް އެ ޖަމުޢިއްޔާއިން ފާހަގަކުރެއެވެ.

ޙަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމުވަނީ ހުއްޓުމަކަށް އައިސްފައެވެ. އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރު ގެއްލި ބޯހިޔާވަހިކަން ހޯދުމަށް ގިނަ ޢަދަދެއްގެ މީހުން ތޮށްޖެހިފައިވުމުން ޣައްޒާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެދާނެކަމުގެ ކަންބޮޑުވުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުންވަނީ ދީފައެވެ. ބައެއް ޖަމުޢިއްޔާތަކުންވަނީ އިންސާނީ އެހީތެރިންނަށް ޣައްޒާއަށް ވަނުމަށާއި ބޭހާއި އެނޫންވެސް ސާމާނު އެތެރެކުރުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް ބުނެފައެވެ.