ޚަބަރު

ރޯވި އާގުބޯޓުގައި ހުރި ނުރައްކާތެރި މާއްދާތައް ނެގަންބޯގެ ގޮނޑުދޮށަށް ލައްގަނީ


ސްރީ ލަންކާ ކައިރިން ރޯވެ އަނދަމުންދާ އާގުބޯޓުގައި ހުރި ގިނަ ޢަދަދެއްގެ ޕުލާސްޓިކް ޕެލެޓުތަކާއި ވިހަ މާއްދާތައް އެ ޤައުމުގެ ނެގަންބޯގެ ގޮނޑުދޮށަށް ލައްގަން ފަށައިފިއެވެ.

އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި އާގުބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އިންޑިޔާގެ އެހީތެރިކަމާއެކު ސްރީ ލަންކާގެ ކަނޑުގެ ސިފައިން އަދިވެސް ދަނީ ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތްކުރަމުންނެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯއާ 9.5 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރިނިކޮށް އަލިފާން ރޯވި އެމްވީ އެކްސް-ޕުރެސް ޕަރލުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އަލިފާނުގެ ހާދިޘާގެ ސަބަބުން އާގުބޯޓުގައި ހުރި 28 ކޮންޓޭނަރުގެ ތެރެއިން 8 ކޮންޓޭނަރުތައްވަނީ ކަނޑަށް ވެއްޓިފައެވެ. އަދި ކޮންޓެއިނަރުތަކުގައި ހުރި ޕުލާސްޓިކު ޕެލަޓުތަކާއި ވިހަ މާއްދާތައްވަނީ މަސްވެރިކަން ރަނގަޅު އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނެގަންބޯގެ ގޮނޑުދޮށަށް ލައްގަމުންނެވެ. އަތިރިމަތި ތަޣައްޔަރުވާން ފެށުމުން އެ ސަރަޙައްދުވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ. ވިހަ މާއްދާތަކުން ރައްކާތެރިވުމަށް ހެޒްމަޓު ސޫޓު ލައިގެން ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ.

ސްރީ ލަންކާގެ އިދާރާތަކުން ބުނީ އާގުބޯޓުގައި ރޯވީ ނައިޓުރިކް އެސިޑު ލީކުވެގެންނެވެ. ބޯޓުގައި ހުރި ކޮންޓޭނަރަކުން ނައިޓުރިކް އެސިޑު ލީކުވަމުންދާކަން މެއި މަހުގެ 11ވަނަ ދުވަހުވަނީ ބޯޓުގެ ފަޅުވެރިންގެ ސަމާލުކަމަށް އައިސްފައެވެ. ސްރީ ލަންކާގެ މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީން ބުނީ ކޮންޓެއިނަރަކުން ލީކުވާކަން ފާހަގަވުމުން ސްރީ ލަންކާގެ ކަނޑުގެ ސަރަޙައްދަށް ނުވަދެ ގުޖުރާތުގެ ބަނދަރަށް ބޯޓު އަނބުރާ ދިޔަނަމަ ނުރައްކާތެރި ޙާދިޘާއަކުން ސަލާމަތްވީސްކަމަށެވެ.