ކުޅިވަރު

މިއީ އާ ސީޒަނަކަށް ޓީމެއް ކުރު މުއްދަތެއްގައި ތައްޔާރުން ކަހަލަ އުނދަގޫ މަސައްކަތެއްކަތެއް - އަސަދުﷲ


ޤައުމީ ޓީމަށް ކުރަން ޖެހިފައިމި އޮތް މަސައްކަތަކީ އައު ސީޒަނަކަށް ޓީމެއް ކުރު މުއްދަތެއްގައި ތައްޔާރުވުން ކަހަލަ އުނދަގޫ މަސައްކަތެއްކަމަށް ޤައުމީ ޓީމުގެ ފޯވަޑް އަސަދުﷲ އަބްދުﷲ ބުނެފިއެވެ.

ވަރލްޑްކަޕާއި، އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ ފަހު ތިން މެޗަށް ތައްޔާރުވުމަށް ޤައުމީ ޓީމު މިވަގުތު ތަމްރީން ހަދަމުން އަންނީ ދުބާއީގައެވެ. ޓީމު ދުބާއީއަށް އައީ މިމަހުގެ ބާވީސްވަނަ ދުވަހުއެވެ. ފީފާ ވަރލްޑް ކަޕާއި، އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ރާއްޖެ އަންނަ މަހުގެ 3ވަނަ ދުވަހު ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އޭގެ ފަހުން ޖޫން ހަތެއްގައި ސީރީއާއި ދެކޮޅަށް ނިކުންނައިރު ގްރޫޕް ފަހު މެޗުގައި ނިކުންނާނީ ޖޫން 15ގައި ގުއާމާއި ދެކޮޅަށެވެ.

ޤައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތަކާއި ގުޅޭގޮތުން ފޯވާޑް އަސަދުﷲ ޢަބްދުﷲ ބުނީ ހުރިހާ ކުޅުންތެރިންވެސް މެޗުތަކަށް ތައްޔާރުމިވަނީ މިހާތަނަށް ކެރިއަރުގައި ދިމާނުވާފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައިކަމަށެވެ. އެހެންނަމަވެސް އެންމެ ގުޅިގެން އެކުގައި މަސައްކަތްކޮށް ރަނގަޅު ނަތީޖާއެއް ނެރުމަށް ބޭނުންވާކަން ކޮންމެ ދުވަހަކުވެސް ފެންނަކަމަށް އޭނާ ބުންޏެވެ. އަސަދުﷲ ބުނީ ކޮންމެ ޕްރެކްޓިސްއެއްގައިވެސް ހުރިހާ ކުޅުންތެރިން ބުރަކޮށް މަސައްކަތްކުރަމުން އަންނަކަމަށާއި، މިގޮތަށް ކުރު މުއްދަތެއްގައި ވަރުގަދަ މެޗުތަކަށް ތައްޔާރު ނުވެއްޖެނަމަ އަނިޔާގެ މައްސަލަތައްވެސް ދިމާވުން ގާތްކަމަށެވެ. އެހެންނަމަވެސް ކޯޗުންގެ އެހީތެރިކަމާއިއެކު އެކަމަށްވެސް ވަރަށް ބޮޑަށް ފަރުވާތެރިވެ ފަރިތަކުރުންތައް ފޯރިގައި ކުރިއަށްދާކަން އޭނާ ފާހަގަކުރިއެވެ.

"އަސްލު ވަރަށް އުނދަގޫ ތައްޔާރުވާން، ޕްރީ ސީޒަނެއްގައި ކުޅުން ކަހަލަ ކަމެއް މިއީ، އެހާވެސް އުނދަގޫ، ހުރިހާ ކުޅުންތެރިންވެސް އެއް އަޒުމެއްގައި ކުރިއަށްމިދަނީ، ގާތްގަނޑަކަށް ދޮޅުމަސްމިވީ ނުކުޅެ ތިބޭތާ. އެހެންވެ އުނދަގޫވާނެކަން ގަބޫލުވެސް ކުރަން ޖެހޭ. އެކަމަކު އުއްމީދަކީ ހަމަ ރަނގަޅަށް ތައްޔާރުވުން". ޤައުމީ ޓީމުގެ ފޯވަޑް އަސަދުﷲ އަބްދުﷲ ބުންޏެވެ

ދުބާއީގެ ތަމްރީންތަކަށްފަހު ޤައުމީ ޓީމް ޗައިނާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ގައެވެ.