ޚަބަރު

ކުރިޔަށް އޮތް 6 ހަފުތާގެ ތެރޭގައި ވެކްސިންގެ 20 މިލިޔަން ޑޯޒު އެފްރިކާއަށް ބޭނުންވޭ


ކުރިޔަށް އޮތް 6 ހަފުތާގެ ތެރޭގައި އެސްޓުރަޒެނެކާއިން ވެކްސިންގެ 20 މިލިޔަން ޑޯޒު އެފްރިކާއަށް ބޭނުންވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ބުނެފިއެވެ.

އެފްރިކާގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިނުމަށް ކޯވިޑް-19ގެ ވެކްސިންގެ 43 މިލިޔަން ޑޯޒުވަނީ ހޯދައިފައެވެ. އޭގެ ތެރެއިން ޢާންމުންނަށް މިހާތަނަށް ދީފައިވަނީ 23 މިލިޔަން ޑޯޒެވެ. އެންމެ ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދައި އިންޑިޔާއިން ވެކްސިން ބޭރުކުރުން މެދުކަނޑައިލުމުން އެފްރިކާއަށް ވެކްސިން ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަރިވެފައެވެ.

ޑަބުލިޔުއެޗުއޯއިން ނެރުނު ބަޔާނެއްގައި އެ ޖަމުޢިއްޔާގެ އެފްރިކާ ސަރަޙައްދުގެ ޑިރެކްޓަރު މަޝިޑިސޯ މޯޓީ ވިދާޅުވީ އެފްރިކާގައި އެސްޓުރަޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒު ދޭންޖެހިފައިވާކަމަށެވެ. އެ މީހުންނަށް ވެކްސިން ދިނުން ލަސްވެއްޖެނަމަ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވެ އުންމީދު ގެއްލޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބުލިޔުއެޗުއޯގެ ބަޔާނުގައި ވެކްސިންގެ ދެ ޑޯޒުގެ ދޭތެރޭގައި 8 ހަފުތާއާއި 12 ހަފުތާގެ މުއްދަތެއް ދޭންޖެހޭކަންވަނީ ފާހަގަކޮށްފައެވެ. ކޯވިޑް-19އާ ދެކޮޅަށް ވެކްސިނުން ލިބޭ 81 އިންސައްތައިގެ ރައްކާތެރިކަން ޔަޤީންކުރެވޭނެ ގޮތަކީ އެއީކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ވެކްސިންގެ ދެވަނަ ޑޯޒަށް އިންތިޒާރުކުރަމުންދާ މީހުންނަށް ބޭނުންވާ 20 މިލިޔަން ޑޯޒުގެ އިތުރުން ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ނިޔަލަށް އެފުރިކާގެ އާބާދީގެ 10 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށް ވެކްސިންގެ 200 މިލިޔަން ޑޯޒު ހޯދަންޖެހޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލް އެންޑު ޕުރިވެންޝަނުންވަނީ އެފްރިކާއަށް ވެކްސިން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައެވެ. ސީޑީސީން ބުނީ އެފްރިކާގައި އެދެވޭ މިންވަރަކަށް ވެކްސިން ނުދެވޭކަމަށާއި އެފްރިކާއަށް އޮތް ނުރައްކަލަކީ އެންމެންނަށްވެސް އޮތް ނުރައްކަލެއްކަމަށެވެ.

ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންވެސްވަނީ ހަމަ އެ މޭރުމުން ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ އެފްރިކާއަށް ވެކްސިން ފޯރުކޮށްދިނުމަކީ ބަލީގެ އައު ވައްތަރުތައް އުފެދުނަނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށާއި ވިލާތާއި މުޅި ދުނިޔޭގެ މަސްލަޙަތަށް ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށެވެ.

އެފްރިކާގައި މިހާތަނަށް 4.7 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 130،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.