ކުޅިވަރު

ޓޮޓްނަމްގެ ކޯޗަކަށް އަލުން ޕޮޗެޓީނޯ ގެނައުމުގެ މަސައްކަތް އެކްލަބުން ފަށައިފި


އިންގްލީޝް ޕްރިމިއަރ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗަކަށް އެޓީމްގެ ކުރީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ އަލުން ގެނައުމުގެ މަސައްކަތް އެކްލަބުން ފަށައިފިއެވެ. މިގޮތުން ސްޕަރސްއިން މިހާރުވަނީ ޕޮޗެޓީނޯ އާއި މިކަމާއި ގުޅޭގޮތުން ވާހަކަވެސް ދައްކާފައެވެ.

ސްޕަރސްއިންވަނީ 2019 ވަނަ އަހަރު އެޓީމްގެ ކޯޗްކަމުން ޕޮޗެޓީނޯ ވަކިކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީމަހު އޭނާވަނީ ފްރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖަރމެއިންގެ ކޯޗްކަމާއި ހަވާލުވެފައެވެ. މިސީޒަންގައި ޕީއެސްޖީއަށްވަނީ ލީގް އާންގެ ޗެމްޕިއަންކަން ދިފާއު ކުރުމުގައި ނާކާމިޔާބުވެފައެވެ. ނަމަވެސް ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީއިން ވަނީ ހޯދާފައެވެ.

ސްޕަރސްއިންވަނީ ޕޮޗެޓީނޯގެ ބަދަލުގައި އެޓީމާއި ހަވާލުކުރި ޖޯސޭ މޮރީނިއޯ މިދިޔަ މަހު މަގާމުން ވަކިކޮށްފައެވެ. އަދި ސީޒަންގެ ފަހު ބައި ސްޕަރސްގެ ކޯޗްގެ ގޮތުގައި ވަގުތީގޮތުން ހަރަކާތްތެރިވެފައިވަނީ އެކެޑަމީ ކޯޗް ރަޔަން މޭސަންއެވެ. އަދި ސްޕަރސްއިން ސީޒަން ނިންމާލާފައިވަނީ ކަރަބާއޮ ކަޕްގެ ރަނައަޕް މަގާމާއި ލީގުގެ ހަތްވަނައިގާ އޮވެގެންނެވެ. އަދި މީގެއިތުރުން ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ހެރީ ކޭން ޓީމް ދޫކޮށް ދާން އުޅޭ ކަމުގެ ވާހަކަތަށް މިހާރުވަނީ ފެތުރެއް ފަށާފައެވެ.

ސްޕަރސްއަށް ޕޮޗެޓީނޯ ގެންދިއުމުގެ ވާހަކަ ދެއްކި ނަމަވެސް މިކަމާ ބެހޭގޮތުން ސްޕަރސްއިން އަދި ޕީއެސްޖީއާ ވާހަކަ ދައްކާފައެއް ނުވެއެވެ. އަދި ޕީއެސްޖީއިން އާންމު ކުރި ޕޮޗެޓީނޯގެ އިންޓަވިއުއެއްގައި ހާމަކުރިގޮތުގައި އޭނާ އެކްލަބްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ރަނގަޅު ފައުންޑޭޝަނެއް އެޅިއްޖެކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަންގައި އޭގެ މައްޗަށް ބިނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެކަމަށް ގަބޫލް ކުރާކަމުގައި ހާމަކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހު ބީޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ޕޮޗެޓީނޯވަނީ ސްޕަރސްއަށް ކޮންމެވެސް ދުވަހަކުން އެނބުރި ދާން ބޭނުންކަން ހާމަކޮށްފައެވެ. ޕޮޗެޓީނޯ ހާމަކުރިގޮތުގައި ސްޕަރސްއާއެކު އޭނާ ފެށި މައްސަކަތް ނިންމާލުމަށްޓަކައި އެކްލަބަށް އެނބުރި ދާން ބޭނުން ކަމަށާއި އޭނާއަށް ސްޕަރސްއާއި ދުރައް ދާން ޖެހުނީ ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވުމާއި ވަރަށް ގާތަށް ގޮސްފައިވަނިކޮށް ކަމުގައެވެ.

ސްޕަރސްއިން ޕޮޗެޓީނޯ ގެންދަން ބޭނުންވި ކަމުގައިވީ ނަމަވެސް ޕީއެސްޖީއިން އެޓީމަށް ޖެނުއަރީމަހު ގެނައި ކޯޗް އެހާ ފަސޭހައިން ދޫކޮށްލާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ސްޕަރސްއަށް ފަހަކަށް އައިސް ދިމާވެފައިވާ މައްސަލަތަކާހެދި އަލުން ޕޮޗެޓީނޯ ގެންދިއުމުގައި ނާކާމިޔާބު ވެއްޖެނަމަ މިއީ ކްލަބްގެ ވެރިންގެ އިތުރު ވެއްޓުމަކަށް ވެގެންދާނެއެވެ.