ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމުގައި އެމްއެމްޕީއާރުސީ ވަރުބަލިކަމެއް ނެތި!


ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް ޕްރޮމޯޓްކުރުމަށް މިއަހަރުގެ މިހާތަނަށްވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ތޮއްޔިބު ވިދާޅުވީ، ކޯވިޑް19ގެ ސަބަބުން އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރަން ކުރަންޖެހުނު މަސައްކަތް އިތުރަށް ވަރުގަދަކުރަން ޖެހުނުކަމަށެވެ. އަދި މިއަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔެއަށް ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތް އެއްވެސް ވަރަކަށް ހުއްޓާނުލައި ކުރިއަށްދާކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ކޯވިޑް19 މުޅި ދުނިޔޭގައި ފެތުރެން ފެށުމާއިއެކު މިދިޔަ އަހަރު ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް އެމްއެމްޕީއާރުސީން ކުރިއަށްގެންގޮސްފައި ވަނީ އޮންލައިން އެކިއެކި ވަސީލަތްތައް މެދުވެރިކޮށެވެ. ނަމަވެސް މިއަހަރު އަލުން ވަނީ ފެއަރތަކާއި ރޯޑް ޝޯތަކުގައި ފިޒިކަލްކޮށް ބައިވެރިވާން ފަށާފައެވެ.

ތޮއްޔިބު ވިދާޅުވީ މިއަހަރުގެ މިހާތަނަށްވެސް ރަޝިއާ، އިންޑިއާ، ދުބާއީ އަދި ސްޕެއިން ފަދަ ޤައުމުތަކުގައި އޮތް ފެއަރތަކުގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކޮށްފައިވާ ކުންފުނިތަކުން ކުރިއަށްގެންގޮސްފައިވާކަމަށެވެ.

"އަޅުގަނޑުމެން މިހާތަނަށް މިއަހަރުވެސް އެތައް ބައިވަރު ހަރަކާތްތަކެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ގެންދެވިއްޖެ. އޭގެތެރެއިން މިހާރު ކޮންމެވެސް ވަރަކަށް ފިޒިކަލީވެސް ކަންކަމުގައި ބައިވެރިވެގެން ފަށައިފި. މިދިޔަ މަހުގެ ކުރީމަހުން ފެށިގެން ރަޝިއާގައި 3 ފެއަރއެއްގައި މިހާތަނަށް ބައިވެރިވެފައިވޭ. ދެން ރޯޑްސޯއެއް ބޭއްވުނު. އިންޑިއާއާއި ދުބާއީގައި އޮތް ފެއަރގައިވެސް ރާއްޖެއިން ބައިވެރިވި. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 39 ކުންފުނިން 69 ސްޓާފުން އަޅުގަނޑުމެންނާއިއެކު ބައިވެރިވި." ތޮއްޔިބު ވިދާޅުވިއެވެ.

ފެއަރތަކާއި ރޯޑްޝޯތަކުގައި ބައިވެރިވާއިރު ކޯވިޑް19 އިން ރައްކާތެރިވުމަށް ގައިޑްލައިންއަށް އަމަލުކުރަމުންދާކަމަށް ތޮއްޔިބު ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔޭގެ ޓްރެވެލް އެޖެންޓުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މީހުންނާއި ގުޅުވާލަދޭ އެތައްކަމެއްވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތޮއްޔިބު ވިދާޅުވީ، ރާއްޖޭގައި ކޯވިޑް19 ގެ ކޭސްތައް އިތުރުވާން ފެށުމާއިއެކު މިހާރު ފަތުރުވެރިކަމަށް އޭގެ އަސަރު ކުރަން ފަށާފައިވާކަމަށެވެ. އަދި ކޯވިޑް ކޭސްތަކުގެ އަދަދު ދަށްނުވެ ގިނަ ދުވަސްވެގެންދާނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ.

"މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް އިތުރުވެގެންދިއުމުގެ ސަބަބުން މީގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ކޮށްފި. ފަތުރުވެރިކަމުގެ ނަންބަރުތައް މަދުވާން ފަށައިފި. މިއީ އޮފް ސީޒަންވެސްމެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް އޮތް ޑިމާންޑް ތަންކޮޅެއް ފަހަތައް ޖެހިލައިފި. ގިނަދުވަހު މިހެން ވާންވެއްޖެނަމަ އަޅުގަނޑުމެންނަށް މީގެ އަސަރު ވަރަށް ބޮޑުވާނެ ހަޤީގަތުގައި." ތޮއްޔިބު ވިދާޅުވިއެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއަރއަކާއި ރޯޑްޝޯއެއްގައި މިއަހަރު ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. ކޯވިޑްގެ އުނދަގޫ ދަތި ދުވަސްތަކުގައިވެސް މިދިޔަ އަހަރުގެ ތެރޭގައި 22 ޓާގެޓް މާކެޓެއްގައި އެމްއެމްޕީއާރުސީން ވަނީ 412 ހަރަކާތެއް ހިންގާފައިއެވެ.

މީގެތެރެއިން 314 ހަރަކާތަކީ ކޯވިޑްގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގި ހަރަކާތްތަކެވެ. މި ކެމްޕެއިން ހަރަކާތްތައް މެދުވެރިކޮށް މަދުވެގެން 5.2 ބިލިއަން މީހުންނަށް ރާއްޖޭގެ މައުލޫމާތުތައް ހިއްސާކޮށްފައިވާނޭކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.