ވިޔަފާރި

ބީއެމްއެލްގެ އީ.އައި.ބީ ކޯވިޑް ރިލީފް ލޯނު 58 ވިޔަފާރިއަކަށް


ބީއެމްއެލްއިން ދޫކުރި އީއައިބީ ކޯވިޑް ރިލީފް ލޯނު 58 ވިޔަފާރިއަކަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އީއައިބީ ކޯވިޑް ރިލީފް ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޯވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލްއިން ތައާރަފްކޮށްފައިވާ ލޯނެކެވެ.

މި ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރމަހުގެ ތެރޭގައެވެ.

ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ކޯވިޑް19 ގެ ކާރިސާއިން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދުގެ ދުވެލި ހަލުވިކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުންނާއި ބަޖެޓުގެ ބޭރުން މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އޭގެތެރޭގައި މިދިޔަ އަހަރު އީއައިބީގެ މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ލޯނު 58 ވިޔަފާރިއަކަށް ދޫކޮށްފައިވާއިރު، މި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 1458 އަރާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

"ދައުލަތުން ވަނީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކަށް އެހީތެރިވުމަށް މިއަހަރު ތެރޭގައިވެސް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީ މެދުވެރިކޮށް 20 މިލިއަން ޔޫރޯ އެއީ ގާތްގަނޑަކަށް 354 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައި. މި ފައިސާވަނީ ބީއެމްއެލް މެދުވެރިކޮށް ވިޔފާރިތަކަށް ލުއި ލޯނުގެ ގޮތުގައި ދޫކޮށްފައި. 58 ފަރާތަކަށް ލޯނު ދިނުމަށް އެޕްރޫވްކޮށް ލޯނުތައް މިހާރު ވަނީ ޑިސްބަރސްކޮށްފައި. އަޅުގަނޑުމެން ލޯނު މިދިން ވިޔަފާރިތަކުގެ މަސައްކަތުގައި ގާތްގަނޑަކަށް 1458 މުވައްޒަފުން އެބަ ހަރަކާތްތެރިވޭ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އީއައިބީ ކޯވިޑް ރިލީފް ލޯނުގެ ދަށުން 15.42 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލިއެވެ. މި ލޯނު ދޫކުރީ 6 ޕަސަންޓުގެ އިންޓަރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްވެސް ލިބިގެންދާނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، އިޤްތިޞާދު ސްޓިމިއުލޭޓްކޮށް ވިޔަފާރިތަކަށް އިތުރު ފައިސާ ހޯދުމަށް ސަރުކާރުން މިހާރުވެސް އީއައިބީއާއިއެކު މަސައްކަތްކުރަމުންދާކަމަށެވެ. އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ބީއެމްއެލް މެދުވެރިކޮށް އެކަން އިއުލާންކުރާނެކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ. އެސްޑީއެފްސީ މެދުވެރިކޮށްވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިއަހަރުގެ ބަޖެޓްގައި 450 މިލިއަން ރުފިޔާ އަލަށް ދޫކުރުމަށްވެސް ވަނީ ހިމަނާފައެވެ.