ވިޔަފާރި

އަންނަ އަހަރުގެ ކުރީކޮޅު، ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ޙާލަތައް ދާނެ - މިނިސްޓަރ އަމީރު


ކޯވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ޙާލަތައް އަލުން އަނބުރާ ދެވޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅުގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންއަންނަކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ސަރުކާރުން އަންދާޒާކުރި ޢަދަދަށްވުރެ ރާއްޖެއައި ފަތުރުވެރިން އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުވެސް ރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް އަންދާޒާ ކުރި އަދަދަށްވުރެ އިތުރަށް ފަތުރުވެރިން އައިސްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު ރާއްޖެ އައިސްފައިވަނީ 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ %60 ފަތުރުވެރިންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ކޯވިޑްގެ ޙާލަތާ ގުޅިގެން ރާއްޖެއިން އަންދާޒާކުރި މިންވަރަށްވުރެ ރަނގަޅު ޢަދަދެކެވެ.

މިއަހަރު ރާއްޖެއަށް އަންނާނެކަމަށް އެންމެ ފުރަތަމަ ސަރުކާރުން އަންދާޒާކޮށްފައިވަނީ 6 ލައްކަ ފަތުރުވެރިންނެވެ. ނަމަވެސް ފަހުން މިޢަދަދު ވަނީ 1 މިލިއަނަށް އިތުރުކޮށްފައެވެ. މިނިސްޓަރ އަމީރު ވިދާޅުވީ، މިއަހަރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިންނަށްވުރެ އިތުރަށް ޒިޔާރަތްކުރާނެކަމަށް މިހާރު އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު ކޯވިޑް-19ގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތައް ދެވޭނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ބަލާއިރު 1 މިލިއަން ފަތުރުވެރިންނަށްވުރެ ގިނައިން ޒިޔާރަތްކުރާނެކަމަށް އަޅުގަނޑުމެންނަށް މިހާރު އަންދާޒާ ކުރެވޭ. މިއަހަރު ރާއްޖެ އަންނާނެކަމަށް ބެލެވެނީ ގާތްގަނޑަކަށް 1 މިލިއަނާއި 1.5 މިލިއަނާއި ދެމެދުގެ ޢަދަދަކަށް. އަދި 2019ވަނަ އަހަރުގެ މިންވަރަށް ފަތުރުވެރިކަމުގެ ދާއިރާ ރުޖޫއަވާނެކަމަށް އަޅުގަނޑުމެންނަށް މިބެލެވެނީ 2022ވަނަ އަހަރުގެ ކުރީކޮޅުގައި." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރާ ދުވަހުގެ ޢަދަދުވެސް ކޯވިޑް-19 ގެ ކުރިއާއި އަޅާބަލާއިރު މިހާރު ވަނީ އިތުރުވެފައެވެ. 2019ވަނަ އަހަރު އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 6.3 ދުވަހެވެ. ނަމަވެސް މިއަހަރު އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 8.5 ދުވަހާއި 9 ދުވަސް ހޭދަކުރެއެވެ.

ކޯވިޑް-19ގެ ހާލަތު ގޯސްވަމުން އަންނާތީ މީގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަނީ ކުރަމުންނެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ކޯވިޑްގެ ޕޮޒިޓިވް ނަންބަރުތައް ދައްކުރުމަކީ މުހިންމު ކަމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 445،558 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ. އަދި ކޯވިޑްގެ ކުރިން 2019ވަނަ އަހަރު ރާއްޖެ އައީ 1،702،887 ފަތުރުވެރިންނެވެ.