ޚަބަރު

ކުނީގެ ތެރޭގައި ހިމެނޭ ތޫނު އެއްޗެހި ރަނގަޅަށް ބަންދުކުރޭ - ވެމްކޯ


ކުނީގެތެރޭގައި ހިމެނޭ ބިއްލޫރިއާއި ދަގަނޑާއި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުކޮށްފައި ގޭގެއިން ނެރުމަށް ވެމްކޯއިން އިލްތިމާސްކުރައްވައިފިއެވެ.

އެކުންފުނިން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ ފަހަކަށް އައިސް މިބާވަތުގެ ކުނި ގެއިން ނެރޭއިރު، އެކަށީގެންވާގޮތަށް ބަންދުކޮށްފައި ނުހުންނާތީ، ކުނި އުކުމުގައި މަސައްކަތްކުރާ ވެށިފާރަވެރިންނަށް އެކިވަރުގެ ހާނީއްކަތައްވެ ގެއްލުންލިބެމުންދާތީއެވެ.

ވެމްކޯއިން ވިދާޅުވީ، މިމަހުގެ 26ވަނަ ދުވަހުގެރޭ 23:00ގައި، މާލެ ސިޓީގެ ގެއަކުން ނެރިފައި ހުރި ޑަސްބިންއެއްގައި ބަހައްޓާފައި ހުރި ކުނި ކޮތަޅެއް ނެގުމުގައި ހަރަކާތްތެރިވި، ވެމްކޯގެ މުވައްޒަފު އަފްރާހް މޫސާގެ ވާތަށް ތޫނު ބިއްލޫރި ފަދަ އެއްޗެއް ހެރި، އެއަތުގެ ނާރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށެވެ. އަދި މިމަހުގެ 27ގެ ނިޔަލަށް މާލޭ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް މިފަދަ އިތުރު 3 ހާދިސާއަކާ ކުރިމަތިލާންޖެހި، އެކިވަރުގެ ހާނިއްކައާއި އަނިޔާތައް ލިބިފައިވާކަމާށެވެ.

ކުނި ނެގުމުގެ ބުރަ މަސައްކަތުގައި ހަރަކާތްތެރިވާ ވެމްކޯގެ ވެށިފާރަވެރިންނަކީ އެކޯޕަރޭޝަނާއި ހަވާލުކުރެވިފައިވާ އެންމެ ބޮޑު ޒިންމާ ކަމުގައިވާ، ކުނި ނެގުމާއި ކުނި މެނޭޖްކުރުމުގެ މަސްޢޫލިއްޔަތު ފުރިހަމަކުރުމުގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވަމުންދާ ވެމްކޯގެ ފަޚުރެއްކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެފައިވެއެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތުގައި މަޝްޣޫލުވެ އުޅޭ
ކޮންމެ ފަރާތަކަށް ރައްކާތެރިކަމުގެ އަންގި، މާސްކް އަދި އެހެނިހެން އާލާތް ބަރާބަރަށް ފޯރުކޮށްދެމުންދާކަން އެ ކޯރޕަރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ގިނަ ޢަދަދެއްގެ ކަސްޓަމަރުން ވެމްކޯއިން ޢާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއްނެތި ކުނިނެރެމުންދާތީ ހިތާމަކުރާކަމަށް ވެމްކޯއިން ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން، ވެމްކޯގެ ވެށިފާރަވެރިންނަށް އެކި ކަހަލަ ހާނިއްކައާއި އަނިޔާ މެދުނުކެނޑި ލިބެމުންދާކަމަށް ވެމްކޯއިން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ މިޚައްސާސް ދަނޑިވަޅުގައިވެސް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޒަރުރީ ޚިދުމަތްދިނުމުގައި ވެމްކޯގެ މުވައްޒަފުން ދެމިތިބިއިރު، ގޭބިސީތަކުން ކުނި ނެގުމަށް ވެމްކޯއިން ޢާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ގިނަ ފަރާތްތަކުން ޢަމަލުނުކުރާ މައްސަލަ ފަހަކަށް އައިސް އިތުރުވެފައިވާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އެގޮތުން ބިއްލޫރިއާއި ދަގަނޑު އަދި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމަކީ، މިފަދަ ސީރިއަސް ޒަހަމްތަކަށް އެކޯޕަރޭޝަންގެ މުވައްޒަފުން ހުށަހެޅުމަށް އޮތް ފުރުސަތެއްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުނި ބަންދުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ވެމްކޯއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާފައެވެ.