ޔުއޭފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ސްޕެއިންގެ ވިޔަރެއާލް ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ވިޔަރެއާލް ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.
ޕޯލަންޑްގެ ގްޑާންސްކްގައި ކުޅުނު ފައިނަލް މެޗް ވިޔަރެއާލް ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވުމުން އިތުރު ވަގުތު ކުޅެ ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން 11 ލަނޑު 10 ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް ޔުނައިޓެޑަށް މާ ނުރައްކާތެރި ހަމަލާތަކެއް މިމެޗްގައި އުފެއްދިފައެއް ނުވެއެެވެ. އަދި ވިޔަރެއާލްއިންވަނީ މިމެޗްގައި ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ލިބުނު ފުރުސަތުތަކުގައި ކުރި އަރާ ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި ލިބުނު ހިލޭ ޖެހުމަކުން މިމެޗްގެ ލީޑު ވިޔަރެއާލްއިން ނެގީ މެޗްގެ 29 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެރާޑް މޮރޭނޯއެވެ. މިމެޗްގެ ނަތީޖާ ޔުނައިޓެޑުން އެއްވަރުކުރީ މެޗްގެ 55 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ޖަހާދިން ލަނޑުންނެވެ. މިލަނޑާއެކު ޔުނައިޓެޑުން ވިޔަރެއާލްގެ ގޯލަށް ވަރަށް ގާތް ގާތުގައި ނުރައްކާތެރި ދެތިން ހަމަލާ އުފެއްދި އެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބުވާގޮތެއް ނުވިއެވެ. އަދި މިމެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގައި ޔުނައިޓެޑަށްވުރެ ބޮޑަށް ރަނގަޅަށް ކުޅުނުތަން ފެނިގެންދިޔައީ ވިޔަރެއާލްއިންނެވެ. ނަމަވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީއަށް ދިޔައެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ކޮންމެ ޓީމަކުން ފުރަތަމަ ޖެހި 10 ޕެނަލްޓީ ކާމިޔާބުކުރުމުން ދެން ޕެނަލްޓި ޖަހަން ޖެހުނީ ދެ ކީޕަރުންނަށެވެ. މިގޮތުން ވިޔަރެއާލްގެ ކީޕަރ ޖެރޮނިމޯ ރޫލީ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރިއެވެ. ނަމަވެސް ޔުނައިޓެޑްގެ ކީޕަރ ޑޭވިޑް ޑެގެއަރ ފޮނުވާލި ޕެނަލްޓީ ރޫލީ މަތަކޮށް މިމުބާރާތުގެ ޗެމްޕިއަންކަން ވިޔަރެއާލް އަށް ހޯދާދިނެވެ.
މިއީ ވިޔަރެއާލްގެ 98 އަހަރުގެ ތާރީހްގައި އެޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. އަދި މިއީ މި މުބާރާތުގެ ތަށި ވިޔަރެއާލްގެ ކޯޗް އުނާއި އެމްރީ ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ. އަދި މިއާއެކު މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކޯޗަކަށް މިހާރުވެފައިވަނީވެސް އެމްރީއެވެ. ހަމައެއާއެކު މި ނާކާމިޔާބީއާއެކު މިއީ ޔުނައިޓެޑުން ތައްޓަކާއި ނުލާ ނިންމާލި ހަތަރުވަނަ ސީޒަނެވެ. ޔުނައިޓެޑްގެ ކޯޗް ކަމާއި އޮލޭ ގުނަރ ސޯލްޝާ ހަވާލުވިފަހުން މިހާތަނަށް ތައްޓެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ވިޔަރެއާލްއަށް މިކާމިޔާބީއާއެކު މިއަންނަ ސީޒަންގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.