ކުޅިވަރު

ކޯވިޑާއި ގުޅިގެން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ އަގު ދަށަށް


ކޯވިޑް-19ގެ ސަބަބުން އިޤްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ޔޫރަޕުގެ އެންމެ ބޮޑު 32 ކްލަބްގެ އަގު ވަރަށް ބޮޑުތަނުން ކުޑަވެއްޖެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިގޮތުން މިކްލަބްތަކުގެ އަގުން 6.1 ބިލިއަން ޔޫރޯވަނީ ކޯވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ސަބަބުން ގެއްލިގެން ގޮސްފައެވެ.

މިގެއްލުމުގެ ސަބަބުން ޔޫރަޕްގެ ކްލަބްތަކުގެ އަގު ވޭތުވެދިޔަ ފަސް އަހަރު މަތިވަމުންދިޔަ ދިއުން މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ. ބިޒްނަސް ސަރވިސަސް ގްރޫޕް ކޭޕީއެމްޖީއިން ބެލިބެލުމުން މިހާރު ޔޫރަޕްގެ ކްލަބްތަކުގެ ތެރެއިން އެންމެ އަގު ހުރި ކްލަބަކީ ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑެވެ. އެކްލަބްގެ ބްރޯޑްކާސްޓިންގ ރައިޓްސް އާއި ކްލަބްގެ މަޤްބޫލް ކަމާއި ސްޓޭޑިއަމްގެ އަގާއި ކުޅިވަރުގެ ކުރިމަގަށް ބަލާއިރު ރެއާލް ފެންނަނީ ފައިދާގައި ހަރަކާތްތެރިވާތަނެވެ. މިލިސްޓްގެ ދެވަނައިގާ އުޅެނީ ލަލީގާގެ އެފްސީ ބާސެލޯނާއެވެ. ކޭޕީއެމްޖީއިން ބެލި ބެލުމުން ކުރިން އެއްވަނައިގާ އުޅުނު މެންޗެސްޓަރ ޔުނައިޓެޑް ވަނީ ތިންވަނައަށް ވެއްޓިފައެވެ. މިގޮތުން ޔުނައިޓެޑްގެ އަގު ވަނީ 20 އިން ސައްތައަށް ވެއްޓިފައެވެ. ލިސްޓުގެ ހަތަރު ވަނައިގާ ބަޔޭން މިޔުނިކް އުޅޭއިރު ފަސްވަނައިގާ އުޅެނީ ލިވަޕޫލްއެވެ. ހަވަނަ މެންޗެސްޓަރ ސިޓީއަށް ލިބޭއިރު ހަތްވަނައިގާ އުޅެނީ ޗެލްސީއެވެ. ދިހަ ޓީމްގެ ތެރޭގައި ދެން ހިމެނެނީ ޕެރިސް ސެއިންޓް ޖަރމެއިން އާއި ޓޮޓްނަމް ހޮޓްސްޕަރ އަދި ޔުވެންޓަސްއެވެ. މީގެއިތުރުން 32 ޓީމްގެ ތެރޭގައި އިންގްލިޝް ޕްރިމިއަރ ލީގުން ދެން ހިމެނެނީ އާސެނަލް، އެވަޓަން، ލެސްޓަރ ސިޓީ އަދި ވެސްޓް ހޭމް ޔުނައިޓެޑްއެވެ. އެއަށްފަހު 32 ޓީމްގެ ތެރޭގައި ދެން އެންމެ ގިނައިން ހިމެނެނީ އިޓާލިއަން ސެރީއާގެ ޓީމްތަކެވެ. މިގޮތުން ދެން ހިމެނެނީ އޭސީ މިލާން، އެޓަލާންޓާ، ލާޒިއޯ، ނަޕޯލީ، ރޯމާ އަދި އިންޓަރ މިލާންއެވެ. ލަލީގާގައި އިން މިލިސްޓްފައި ދެން ހިމެނެނީ އެޓްލެޓިކޯ މެޑްރިޑް، ސެވިއްޔާ، ވެލެންސިއާ އަދި ވިޔަރެއާލްއެވެ.