ވިޔަފާރި

ހުޅުމާލޭގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރަން އާރުސީސީއަށް!


ހުޅުމާލެ ފޭސް އެކެއްގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން ހަވާލުކޮށްފިއެވެ.

ވާޗުއަލްކޮށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދުއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

އެޗްޑީސީން ވިދާޅުވީ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެއްކަމަށެވެ. ޖުމްލަ 24،098.22 އަކަފޫޓުގެ ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި، އަކަފޫޓެއް 1800 ރުފިޔާގެ ރޭޓުން ވިއްކާ ޔުނިޓްތަކެކެވެ.

އަދި ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. މިގޮތަށް ކަނޑައެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫޢޫތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

މި މަޝްރޫޢު ޑީޓެއިލް ކުރެހުން އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ހުޅުމާލޭގައި އެޗްޑީސީގެ ފަރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅެން ބޭނުންވާ ފަރާތްތައް ޙިދުމަތްތައް އެންމެ ޒަމާނީ ފެންވަރުގައި ޤާއިމުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެޗްޑީސީން ހާމަކުރެއެވެ.