ޚަބަރު

ނިޔުކްލިޔަރ ހަތިޔާރު އުފުލައި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތައް ސޫރިޔާއަށް


ނިޔުކްލިއަރ ހަތިޔާރާއެކު ދުރު ރާސްތާއަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މަތިންދާބޯޓުތައް ފުރަތަމަ ފަހަރަށް ސޫރިޔާގައި ޙަރަކާތްތެރިވާން ފަށައިފައިވާކަމަށް ރަޝިޔާއިން ބުނެފިއެވެ.

2005ވަނަ އަހަރުން ފެށިގެން ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ ސޫރިޔާގައި ޙަރަކާތްތެރިވަމުންނެވެ. އެގޮތުން ރަޝިޔާގެ އަސްކަރީ މަރުކަޒެއްވަނީ ސޫރިޔާގެ ޙުމައިމީމުގައި ޤާއިމުކޮށްފައެވެ. އަދި ސޫރިޔާގައި ކުރަމުންދާ ދާޚީލީ ހަނގުރާމައިގައި އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކާ ދެކޮޅަށް ރަޝިޔާއިން ދަނީ ވައިގެ ޙަމަލާތައް ދެމުންނެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ނިޔުކްލިއަރ ހަތިޔާރާއެކު ދުރު ރާސްތާއަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ތިން މަތިންދާބޯޓު ޙުމައިމީމަށް ގެންގޮސްފައިވާކަމަށެވެ. އަދި ޒަމާނީ ހަތިޔާރާއި އުޅަނދުތައް ބޭނުންކުރުމަށް ޙުމައިމީމުގެ ރަންވޭ އިތުރަށް ތަރައްޤީކޮށްފައިވާކަމަށާއި ސޫރިޔާގައި އަލަށް ބޭނުންކުރާ ހަނގުރާމަމަތީ އުޅަނދުތައް މެޑިޓެރޭނިޔަން ކަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތަމުރީނުތަކުގައި ބައިވެރިވާނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ނިޔުކްލިއަރ ހަތިޔާރާއެކު ދުރު ރާސްތާއަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މަތިންދާބޯޓުތައް ފުރަތަމަ ފަހަރަށް ސޫރިޔާގައި ޙަރަކާތްތެރިވާން ފަށައިފައިވާކަމަށް ރަޝިޔާއިން ބުނެފައިވަނީ އެމެރިކާގެ ސިފައިން މެދުއިރުމަތިން ދިޔުމުން ރަޝިޔާއާއި ޗައިނާގެ އަސްކަރީ ބާރުވެރިކަން އެ ސަރަޙައްދުގައި ވަރުގަދަކުރާނެކަމުގެ އިންޒާރު އެމެރިކާގެ އަސްކަރިއްޔާއިން ދީފައިވާ ދަނޑިވަޅެއްގައެވެ.