ޚަބަރު

ޤުދުސަށް ޙަމަލާދިނުމަކީ ސަރަޙައްދީ ހަނގުރާމައެއްގެ ފެށުން: ޙިޒްބުﷲ


ޤުދުސަށް އެއްވެސް ޙަމަލާއެއް ދިނުމަކީ ސަރަޙައްދީ ހަނގުރާމައެއްގެ ފެށުންކަމަށް ޙިޒްބުﷲ ޖަމާޢަތުގެ އެންމެ އިސްވެރިޔާ ސައްޔިދު ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ.

ފާއިތުވި ރަމަޟާން މަހުގެ ތެރޭގައި ފަލަސްޠީނުގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ޙަމަލާދިނުމަށްފަހު އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ބޮޑެތި އަނިޔާތައް ދިނުމުން ޣައްޒާގައި ވެރިކަންކުރާ ޙަމާސުންވަނީ 11 ދުވަސް ވަންދެން ޔަހޫދީ ދަޢުލަތާ ދެކޮޅަށް ވަރުގަދަ ރޮކެޓު ޙަމަލާތަކެއް ދީފައެވެ. ރައްދުގައި އިސްރާއީލުންވެސްވަނީ ޣައްޒާއަށް ރަޙުމުކުޑަ ޙަމަލާތަކެއް ދީފައެވެ. މިޞްރުގެ އެހީތެރިކަމާއެކު ޙަމަލާބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.

ޙަމާސާއި އިސްރާއީލާ ދެމެދު ޙަމަލާބަދަލުކުރުން ހުއްޓައިލިފަހުން ފުރަތަމަ ފަހަރަށް ވާހަކަދައްކަމުން ނަޞްރުﷲ ވިދާޅުވީ އެއްވެސް މުޤައްދަސް ބިމަކަށް ނުރައްކަލެއް އޮތްނަމަ އެ މަންޒަރު ބަލަން ނުތިބެވޭނެކަމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. ޣައްޒާގައި ހިނގި ކުރިމަތިލުންތަކުގައި ޙަމާސްގެ އަސްކަރީ ބާރުތައް ވަރުގަދަކޮށްފައިވާކަން ފެނިފައިވާކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި މެދުކެނޑުމެއްނެތި ދިގު މުއްދަތަކަށް އެތައް ހާސް ރޮކެޓު ޙަމަލާތަކެއް އިސްރާއީލާ ދެކޮޅަށް ދިނުމުގެ ޤާބިލުކަން ޙަމާސަށް ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޙިޒްބުﷲންވަނީ އިސްރާއީލާ ދެކޮޅަށް ޢަދާވާތްތެރިކަން އިޢުލާނުކޮށްފައެވެ. ޓީވީ މެދުވެރިކޮށް ނަޞްރުﷲ ހިޠާބެއް ދެއްވާފައިވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ދެކުނު ލުބުނާނުގެ ސަރަޙައްދުތައް 2000ވަނަ އަހަރުގެ ތެރޭގައި ޙިޒްބުﷲން މިނިވަންކުރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުންނެވެ. އީރާނުގެ ސަރުކާރާއި ސޫރިޔާގެ ސަރުކާރާއި ޙަމާސާއެކު ވަރަށް ގާތް ގުޅުންތަކެއް އެ ޖަމާޢަތުން ބާއްވައެވެ.