މުނިފޫހިފިލުވުން

ބިލަބޯޑް މިޔުޒިކް އެވޯޑް ގައި މިފަހަރު ވިދާލީ ކޮރެއާގެ ބީޓީއެސް


ހަތަރު އެވޯޑް އުފުލާލައިގެން މިއަހަރުގެ ބިލަބޯޑް މިޔުޒިކް އެވޯޑްގައި ދެކުނު ކޮރެއާގެ ބީޓީއެސް ވިދާލައިފިއެވެ.

ބިލަބޯޑް މިޔުޒިކް އެވޯޑްގައި ބީޓީއެސް ވަނީ އެމީހުން ނޮމިނޭޓްވި ހުރިހާ އެވޯޑެއް އުފުލާލާފައެވެ. އެ ގްރޫޕަށް ލިބުނު އެވޯޑްތަކަކީ
ޓޮޕް ސެލިން ސޯންގް، ޓޮޕް ޑުއޯ /ގްރޫޕް ، ޓޮޕް ސޯންގް ސޭލްސް އާޓިސްޓް އަދި ފޭން ވޯޓެޑް ޓޮޕް ސޯޝަލް އާރޓިސްޓްގެ އެވޯޑެވެ.

ބިލަބޯޑް މިޔުޒިކް އެވޯޑް ވަގުތުން ދުރަށް ދައްކާފައިވަނީ ލޮސް އެންޖަލިސްގައި ހުންނަ މައިކްރޯސޮފްޓް ތިއޭޓަރުންނެވެ. ނަމަވެސް ބީޓީއެސް ގްރޫޕް އެވޯޑް ހަފްލާގައި ބައިވެރިވެފައިވަނީ ކޮރެއާގެ ވެރިރަށް ސޯލްއިންނެވެ.

ޓޮޕް ޑިއޯ/ގްރޫޕް، ޓޮޕް ސޯންގް ސޭލްސް އާޓިސްޓް އަދި ފޭން ވޯޓެޑް ޓޮޕް ސޯޝަލް އާޓިސްޓް މި ތިން އެވޯޑުވެސް ބީޓީއެސްއަށް ލިބިފައިވަނީ ޙަފްލާ ބޭއްވުމުގެ ކުރިން ނެރެފައިވާ އެވޯޑް ލިބޭ މީހުންގެ ލިސްޓަކަށެވެ. އަދި ޓޮޕް ސެލިންގް ސޯންގް ލިބިފައިވަނީ ގްރޫޕްގެ މެގަ ހިޓް 'ޑައިނެމައިޓް' އަށެވެ.

2017 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބިލަބޯޑް އެވޯޑްގެ ޓޮޕް ސޯޝަލް އާރޓިސްގެ އެވޯޑް އުފުލާލުމަށްފަހު އޭގެ ދެއަހަރު ފަހުން އަނެއްކާވެސް ގްރޫޕުންވަނީ ޓޮޕް ސޯޝަލް އާރޓިސް އަދި ޓޮޕް ޑިއޯ/އެވޯޑް ޙާޞިލްކޮށްފައެވެ.

މި ޙަފްލާގައި ބީޓީއެސް އިން ވަނީ ހުކުރު ދުވަހު ރިލީޒްކޮށްފައިވާ އެމީހުންގެ އެންމެ ފަހުގެ ލަވަ "ބަޓަރ" ހުށައަޅާދީފައެވެ. މި ލަވަ ރިލީޒްކުރުމަށްފަހު 24 ގަޑިއިރުތެރޭގައި ދެ މިލިއަން މީހުންވަނީ މި ލަވަ ބަލާފައެވެ.

މީގެ އިތުރުން ކެނެޑާގެ ލަވަކިޔުންތެރިޔާ ވީކެންޑް ވަނީ ޓޮޕް އާރޓިސްޓް، ޓޮޕް މޭލް އާރޓިސްޓް ޙާޞިލްކޮށް އަދި ޓޮޕް 100 އާރޓިސްޓުގެ ލިސްޓްގައިވެސް ހިމެނިފައެވެ. ޓޮޕް ފީމޭލް އާރޓިސްޓް އުފުލާލީ ޓޭލަރ ސްވިފްޓެވެ. އަދި އޭނާ ވަނީ ޓޮޕް ބިލަބޯޑް 200 އާރޓިސްޓްގެ ލިސްޓުގައިވެސް ހިމެނިފައެވެ. ޓޮޕް ސްޓްރީމިން އާރޓިސްޓްގެ އެވޯޑް ޙާޟިލުކުރީ ކެނެޑާގެ ރެޕް ލަވަކިޔުންތެރިޔާ ޑްރޭކްއެވެ.

ބޭންގްޓަން ބޯއިސް ގެ ނަން ދެވިފައިވާ ބީޓީއެސް ގްރޫޕަކީ 7 މެމްބަރުންގެ މައްޗަށް އެކުލެވޭ ދެކުނު ކޮރެއާގެ މިޔުޒިކް ބޭންޑެކެވެ. 2010 ވަނަ އަހަރު އުފެއްދި މި ބޭންޑުން ލަވަ ކިޔަން ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ.