މާލެ ސިޓީގައި ކޯވިޑް ވެކްސިން ނުޖަހައިތިބި ހައިރިސްކް މީހުންނާއި ޢުމުރުން ދުވަސްވީ މީހުން ދެނެގަނެ ވެކްސިން ދިނުމުގައި އެޗްޕީއޭއަށް އެހީވުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާކަމަށް މާލޭގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިޓީ ކައުންސިލްގެ ފަރާތުން ހެލްތް މިނިސްޓަރ އަޙްމަދު ނަސީމާ ބައްދަލުކުރައްވާފައިވާކަމަށެވެ. އަދި ކޯވިޑް-19ގެ ޙަލަތާ ގުޅިގެން ސިޓީކައުންސިލުން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާ ގުޅޭ މަޝްވަރާތަށް ކުރިއަށްގެންދިޔަކަމަށެވެ.
ޑރ.މުޢިއްޒު ވިދާޅުވީ މިވަގުތަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓްރީން އެދިވަޑައިގެންފައި ވަނީ ޚާއްސަ ޙާލަތްތަކުގައި ތިބި މީހުންނަށް ވެކްސިން ދިނުމުގައި އެހީތެރިކަން ދިނުމަށްކަމަށެވެ. އެގޮތުން ގޭގޭގަތިބި ހައިރިސްކް މީހުންނާއި އުމުރުން ދުވަސްވީ މީހުން ދެނެގަނެ، އެފަރާތްތަކަށް ވެކްސިން ޖެހުމުގައި މިނިސްޓްރީއާއެކު މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
"60އަހަރުން މަތީގެ މީހުން އެބަތި، ގުޅައިގެން އެފަދަ މީހުންނަށް ވާސިލް ނުވެވިތިބި. މިގޮތަށް ވެކްސިން ނުދެވިތިބި 2000އަށްވުރެ ގިނަ މީހުން ފާހަގަކުރެވިފަވަނީ. އެހެންވީމަ އެމީހުން ހޯދައި، އެމީހުންނަށް ވާސިލުވުމަށް ކައުންސިލުން އެހީތެރިކަން ދޭނީ އެޗްޕީއޭއަށް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ މިމަސައްކަތުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކުގެ އެހީތެރިކަންވެސް ހޯއްދަވާނެކަމަށެވެ.
ކޯވިޑް19ގެ ހާލަތު މާލެ ސަރަޙައްދުގައި ގޯސްވެ އެވަރެޖްކޮށް ދުވާލަކު 1000އިން މަތިން މީހުންދަނީ ޕޮޒިޓިވްވަމުންނެވެ. އަދި ބަލީގަ ނިޔާވާ މީހުންވެސްވަނީ އިތުރުވެފައެވެ.