ޚަބަރު

އިހަވަންދޫގައި ފެންބޮޑުވެ 6 ގެއަކަށް ގެއްލުންވެއްޖެ


މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހއ. އިހަވަންދޫގެ 6 ގެއަކަށް ފެންވަދެ ގެއްލުންތަކެއްވެއްޖެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޞަބާޙު ވިދާޅުވީ މިއަދު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ އިހަވަންދޫގެ ބައެއް ގެތަކަށް ފެންވަންނަމުންދާތީ ލިބެމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން މިވަގުތުވެސް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ފެން ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މިހާތަނަށް 60 ގެއެއްގަ ވެލިބަސްތާ ޖަހާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތުގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނާއި ކައުންސިލުންނާއި އަދި ރައްޔިތުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިހަވަންދޫއަށް މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވާރޭ ވެހެމުންދާ ކަމަށާއި ބައެއް ސަރަހައްދުތަކުގައި ކަކުލާ ހަމަޔަށް ފެންބޮޑުވެފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ޞަބާޙު ވިދާޅުވިއެވެ.

މިހާރު ކުރަމުންދާ ވިއްސާރަޔާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، އެހީތެރިކަން ހޯދުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792265 އަށް ގުޅުއްވުމަށް އިހަވަންދޫ ކައުންސިލުން ވަނީ އެދިފައެވެ.