ކުޅިވަރު

ސްޕެއިންއިން ޔޫރޯއަށް އެކުލަވާލި ޓީމުން ރާމޯސް ބާކީކޮށްފި


މިއަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ 2020 އަށް ސްޕެއިންއިން އިޢުލާން ކުރި ޓީމުން ރެއާލް މެޑްރިޑްގެ ކެޕްޓަން ސަރޖިއޯ ރާމޯސް ބާކީ ކޮށްފިއެވެ. ރާމޯސް އަށް މިސީޒަންގައި ދިމާވެފައިވާއަނިޔާގެ ގިނަ މައްސަލައަތާއި ހެދި ބޮޑުބައި ހޭދަކޮށްފައިވަނީ ކުޅުމާއި ދުރުގައެވެ.

އުމުރުން 35 އަހަރުގެ ރާމޯސްވަނީ ސްޕެއިން ޤައުމީ ޓީމަށް މިހާތަނަށް 180 މެޗް ކުޅެދީފައެވެ. ނަމަވެސް މިސީޒަންގައި މާރޗް މަހަށްފަހު މިހާތަނަށް އޭނާއަށް އަނިޔާގެ ސަބަބުން ބައިވެރިވެވިފައިވަނީ އެންމެ މެޗެއްގައެވެ. ރާމޯސް ޤައުމީ ޓީމުން ބާކީ ކުރުމާއެކު މިފަހަރުގެ ޔޫރޯއަށް ލުއިސް އެންރީކޭ އެކުލަވާލި ޓީމްގައި ރެއާލް މެޑްރިޑަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިޔަކު ހިމަނާފައެއް ނުވެއެވެ. މިފަހަރުގެ ޓީމުން ޖާގަހޯދި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަވެގެންދަނީ ވަރަށް ފަހުން ޤައުމު ބަދަލުކުރި މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ އެމެރިކް ލަޕޯޓް މުޅިން އަލަށް ސްޕެއިން ޤައުމީ ޓީމުގައި ހިމަނާފައިވުމެވެ. ލަޕޯޓް ވެފައިވަނީ ޕްރިމިއަރ ލީގުން މިފަހަރު ނަގާފައިވާ 10 ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއަށެވެ.

އެންރީކޭ ހާމަކުރިގޮތުގައި ރާމޯސް ޤައުމީ ޓީމުން ބާކީ ކުރުން ވެގެންދިޔައީ އޭނާއަށް ނިންމަން ޖެހުނު ވަރަށް އުނދަގޫ ނިންމުމަކަށް ކަމަށާއި ނަމަވެސް މިސީޒަންގައި ރާމޯސްއަށް އަނިޔާގެ ސަބަބުން ރަނގަޅަށް ކުޅެވިފައިނުވާކަމަށެވެ. އަދި މިކަން އޭނާވާނީ ރާމޯސްއަށް ގުޅާ ކިޔާދީފައިކަމަށް އެންރީކޭ ހާމަކުރިއެވެ. އަދި ރާމޯސް ޓީމުން ބާކީ ކުރަން ޖެހޭތީ ވަރަށް ދެރަވާ ކަމަށާއި އޭނާއަކީ ސްޕެއިން ޤައުމީ ޓީމަށް ވަރަށް ބޮޑަށް އެހީތެރިވެފައިވާ ކުޅުންތެރިއެއް ކަމަށެވެ. ނަމަވެސް މިވަގުތަށް ބަލާއިރު މިއީ މުޅި ޓީމަށް ބަލާފައި ނިންމެން އޮތް އެންމެ ރަނގަޅު ނިންމުން ކަމަށް އެންރީކޭ ހާމަކުރިއެވެ. ރާމޯސް އެންމެ ފަހުން ސްޕެއިން ޤައުމީ ޓީމަށް ކުޅެފައިވަނީ މާރޗްމަހު އޮތް ވާރލްޑް ކަޕް ކޮލިފައިންގ ގައި ގްރީސް އާއި ކޮސޯވޯ އާއި ދެކޮޅަށެވެ. އަދި އޭގެފަހުން އޭނާ ރެއާލްއަށް ކުޅުނު ހަމައެކަނި މެޗަކީ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގްގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗް އެކަންޏެވެ. ރާމޯސްވެސްވަނީ އޭނާ ޓީމުގައި ނުހިމެނުމުން އެކަމާއި ވަރަށް ދެރަވާކަން ހާމަކޮށްފައެވެ. ނަމަވެސް މިވަގުތަށް އެންމެ މުހިންމީ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް މަސައްކަތް ކޮށް މިއަންނަ ސީޒަންގައި މުޅިން ފިޓްވެގެން ކުޅުމުގެ ތެރެއަށް ނިކުތުން ކަމަށާއި މިފަހަރުގެ ޔޫރޯގައި ސްޕެއިންގެ ޤައުމީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށެވެ.

ޔޫރޯއަށް އެކުލަވާލި ސްޕެއިން ޓީމްގައި ހިމެނެނީ ކީޕަރުންގެ ތެރޭގައި އެޓްލެޓިކް ބިލްބާއޯގެ އުނައި ސައިމަން، މެންޗެސްޓަރ ޔުނައިޓެޑްގެ ޑޭވިޑް ޑެގެއާ އަދި ބްރައިޓަންގެ ރޮބަރޓް ސަންޗޭޒްއެވެ. ޑިފެންޑަރުންގެ ތެރޭގައި ވެލެންސިއާގެ ހޯސޭ ގާޔާ، ބާސެލޯނާގެ ޖޯޑީ އަލްބާ، ވިޔަރެއާލްގެ ޕައު ޓޯރޭޒް، މެންޗެސްޓަރ ސިޓީގެ ލަޕޯޓް އަދި އެރިކް ގާސިއާ، ލީޑްސް ޔުނައިޓެޑްގެ ޑިއޭގޯ ލޮރެންޓޭ އަދި ޗެލްސީގެ ސެޒާ އަޒްޕިލިކުއޭޓާއެވެ. މެދުތެރެއިން ބާސެލޯނާގެ ސަރޖިއޯ ބުސްކެޓްސް އަދި ޕެޑްރީ، މެންޗެސްތަރ ސިޓީއިން ރޮޑްރީ، ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ، އެޓްލެޓިކޯ މެޑްރިޑްގެ ކޯކޭ އަދި މާކޮސް ލޮރެންޓޭ އަދި ނަޕޯލީގެ ފަބިއަން ރުއިޒްއެވެ. އަދި ފޯވަޑުންގެ ތެރޭގައި އާރްބީ ލިޕްޒިގްގެ ޑާނީ އޮލްމޯ، ރެއާލް ސޮސިއެޑާޑްގެ މިކެލް އޮޔަރްޒަބާލް، ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ، ވިޔަރެއާލްގެ ޖެރާޑް މޮރޭނޯ، މެންޗެސްޓަރ ސިޓީގެ ފެރާން ޓޯރޭޒް، ވުލްވެހެމްޓަން ވޮންޑަރަރސްގެ އަޑަމާ ޓްރައޯރޭ އަދި ޕެރިސް ސެއިންޓް ޖަރމެއިންގެ ޕަބްލޯ ސަރާބިއާއެވެ.

މިފަހަރުގެ ޔޫރޯ މުބާރާތުގައި ސްޕެއިން ހިމެނިފައިވަނީ ޕޯލަންޑް، ސްލޮވާކިއާ އަދި ސްވިޑްން އާއެކު ގްރޫޕް އީގައެވެ.