އިނގިރޭސި ލީގު މެނޭޖަރސް އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗަކަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހޮވައިފިއެވެ. މިއީ ގާޑިއޯލާ މިމަގާމު ހޯދި ދެވަނަ ފަހަރެވެ.
ގާޑިއޯލާ ވަނީ މިސީޒަންގައި ސިޓީއަށް ހަތަރު އަހަރުތެރޭގައި ތިންވަނަފަހަރަށް އިންގްލިޝް ޕްރިމިއަރ ލީގު ކާމިޔާބުކޮށްދީފައެވެ. އަދި ކަރަބާއޮ ކަޕް ޖެހިޖެހިގެން ހަތަރުވަނަ ސީޒަންގައި ކާމިޔާބުކޮށްފައިވާއިރު ސިޓީގެ ތާރީހްގައި މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފައެވެ. އަދި އެތަށި އުފުލާލުމުގެ ފުރުސަތުވެސް ސިޓީއަށް އަދި އެބައޮތެވެ.
މިމަގާމަށް ޕެޕް އާއި ދެން ވާދަކޮށްފައިވަނީ ލީޑްސް ޔުނައިޓެޑްގެ ކޯޗް މާސެލޯ ބިއެލްސާ، ނޯވިޗް ސިޓީގެ ކޯޗް ޑެނިއެލް ފާރކެ، ޗެލްސީ ވިމެންގެ ކޯޗް އެމާ ހޭސް، ވެސްޓް ހޭމް ޔުނައިޓެޑްގެ ކޯޗް ޑެވިސް މޮއެސް އަދި ލެސްޓަރ ސިޓީގެ ކޯޗް ބްރެންޑަން ރޮޖަރސްއެވެ. 2017 -2018 ވަނަ އަހަރުގެ ސީޒަންގައިވެސް މިމަގާމު ހޯދާފައިވާ ގާޑިއޯލާ ބުނީ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ލިބުމުން ވަރަށް އުފާވާކަމަށެވެ. އަދި އެއްކޮށް މަސައްކަތް ކުރާ އެހެން ކޯޗުންގެ ފަރާތުން މިފަދަ މަގާމަކަށް ހޮވުމުން ލިބޭ ހިތްހަމަޖެހުން އިތުރުކަމަށް އޭނާ ބުންޏެވެ. އަދި މިފަދަ އެވޯޑެއް ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވަށައިގެންވާ މީހުންގެ ބައިވެރިވުން ފުރިހަމަވުމުންކަމަށެވެ. މިގޮތުން ގާޑިއޯލާ ވަނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ދައްކަމުންދާ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އަދި މިފަދަ ދަތި އުނދަގޫ ސީޒަނެއްގައި އޭނާގެ ކުޅުންތެރިން ހޯދި ކާމިޔާބީއަކީ ތައުރީފް ހައްގު ކަމެއްކަމަށް ގާޑިއޯލާ ބުންޏެވެ. މީގެއިތުރުން ގާޑިއޯލާގެ ކައިރީ މަސައްކަތް ކުރާ ސްޓާފުންވެސް މިކާމިޔާބީގައި އޭނާ ޝާމިލްކުރިއެވެ.
މިފަހަރުގެ އެވާޑަށް ވާދަކުރި ޗެލްސީ ވިމެންގެ ކޯޗް ހޭސްއަކީ މިމަގާމަށް އިނގިރޭސި އަންހެން ލީގުން ނަން ހުށްހެޅުނު ފުރަތަމަ ކޯޗެވެ. ހޭސްއަށް ވަނީ އެފްއޭ ވިމެންސް ސުޕަރ ލީގުގެ އެންމެ މޮޅު ކޯޗުގެ މަޤާމް ލިބިފައެވެ.