ބެލަރުސްގެ ސަރުކާރާ އިދިކޮޅު މީހެއް ދަތުރުކުރަމުންދިޔަ މަތިންދާބޯޓެއް ހުއްޓުވައި އޭނާ ހައްޔަރުކުރުމުން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ނިންމައިފިއެވެ.
ބެލަރުސްގެ ސަރުކާރާ އިދިކޮޅު ވާހަކަތަކާއި މަޢުލޫމާތުތައް ޝާޢިރުކުރާ ބުލޮގަރެއްކަމަށްވާ ރޮމަން ޕުރޮޓަސެވިޗު ގުރީސުން ލިތުއޭނިޔާއަށް ދަތުރުކުރަމުންދިޔަ ރަޔަން އެއަރގެ މަތިންދާބޯޓު ބެލަރުސްގެ ވައިގެ ސަރަޙައްދަށް ވަނުމުން އޭގައި ބޮމެއް އޮތްކަމަށް ބުނެ ބެލަރުސްގެ މިންސްކުގެ ވައިގެ ބަނދަރަށް ޖެއްސުމަށްވަނީ މަޖުބޫރުކޮށްފައެވެ. އެ މަތިންދާބޯޓު މިންސްކުގެ ވައިގެ ބަނދަރަށް ޖައްސަންދެން ބެލަރުސްގެ ރައީސް އެލެކްސެންދަރު ލުކަޝެންކާގެ އަމުރުފުޅަށް އެ ޤައުމުގެ ހަނގުރާމަތީ އުޅަނދެއްވަނީ އެ މަތިންދާބޯޓާއެކު ދަތުރުކޮށްފައެވެ. އަދި މަތިންދާބޯޓު މިންސްކަށް ޖެއްސުމުން އުމުރުން 26 އަހަރުގެ ޕުރޮޓަސެވިޗުވަނީ ހައްޔަރުކޮށްފައެވެ. ހަތް ގަޑިއިރުވަންދެން މިންސްކުގެ ވައިގެ ބަނދަރުގައި އެ މަތިންދާބޯޓު ހިފަހައްޓައި ބަލައި ފާސްކުރި ނަމަވެސް އެ އުޅަނދުން ބޮމެއް ފެނިފައެއް ނުވެއެވެ.
އެ ހާދިޘާއާ ގުޅިގެން ވިލާތުގެ އިއްތިޙާދުންވަނީ ޕުރޮޓަސެވިޗު ދޫކޮށްލުމަށް ގޮވާލައިފައެވެ. އަދި ސިވިލް އޭވިއޭޝަނާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން އެ ހާދިޘާ ތަހުޤީޤުކުރުމަށްވެސް އެ އިއްތިޙާތުންވަނީ ގޮވާލައިފައެވެ. އޭގެ އިތުރުން ވިލާތުގެ އިއްތިޙާދުގެ ވައިގެ ސަރަޙައްދުގައި ބެލަރުސްގެ މަތިންދާބޯޓުތަކުން ދަތުރުކުރުން މަނާކޮށް ވިލާތުގެ ޤައުމުތަކުގެ ވައިގެ ބަނދަރުތަކަށް އެ އުޅަނދުތައް ނުޖެއްސޭނެ ގޮތް ހެދުމަށްވެސް އެ އިއްތިޙާދުންވަނީ ނިންމައިފައެވެ. އެކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް އެ އިއްތިޙާދުންވަނީ ވިލާތުގެ ޤައުމުތަކަށް އިރުޝާދު ދީފައެވެ. އަދި ބެލަރުސްގެ ވައިގެ ސަރަޙައްދުން ދަތުރުނުކުރުމަށް ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ މަތިންދާބޯޓުތަކަށް އިރުޝާދު ދީފައެވެ.
ވިލާތުގެ އިއްތިޙާދުން ނެރުނު ބަޔާނާއެކު ނެދަލެންޑުސްގެ ކޭއެލްއެމުންވަނީ އެ ކުންފުނީގެ މަތިންދާބޯޓުތައް ބެލަރުސްގެ ވައިގެ ސަރަޙައްދުން ދަތުރުކުރުން މެދުކަނޑާލާފައިވާކަން އިޢުލާނުކޮށްފައެވެ. އޭގެ އިތުރުން ޖަރުމަނުވިލާތުގެ ލުފުތަންސާއާއި ލެޓުވިޔާގެ އެއަރ ބެލްޓިކާއި ސުކެންޑިނޭވިޔާގެ އެސްއޭއެސްއިންވެސްވަނީ އެފަދަ ނިންމުންތަކެއް ނިންމައިފައެވެ. ޔޫކްރެއިނުގެ ސަރުކާރުންވަނީ އެ ޤައުމާއި ބެލަރުސާ ދެމެދު ކުރަމުންދާ ވައިގެ ދަތުރުތައް މެދުކަނޑާލައި ބެލަރުސްގެ ވައިގެ ސަރަޙައްދު ބޭނުން ނުކުރުމަށް ނިންމައިފައެވެ. ވިލާތުގެ އިއްތިޙާދުގައި ނުހިމެނުނު ނަމަވެސް އިނގިރޭސިވިލާތުންވެސްވަނީ ބެލަރުސްގެ ވައިގެ ސަރަޙައްދުން ދަތުރު ނުކުރުމަށް އެ ޤައުމުގެ މަތިންދާބޯޓުތަކަށް ލަފާދީފައެވެ.
އެމެރިކާއިންވަނީ ވިލާތުގެ އިއްތިޙާދުން ބެލަރުސާ ދެކޮޅަށް އެޅުމަށް ނިންމި ފިޔަވަޅުތަކަށް މަރުޙާބާ ކިޔައިފައެވެ. އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ މަތިންދާބޯޓު ހުއްޓުވުމުގެ ހާދިޘާއާ ގުޅިގެން ވިލާތުގެ އިއްތިޙާދާއެކު ބައިވެރިވެ އެ ހާދިޘާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެމެރިކާއިން ބަލަމުންދާކަމަށެވެ. އަދި ބައިނަލްއަޤްވާމީ ތަހުޤީޤެއްކުރުމަށް ގޮވައިލުމުގައި އެމެރިކާއިން ބައިވެރިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.