ޚަބަރު

މާލީގެ ރައީސާއި ބޮޑުވަޒީރާއި ދިފާޢީ ވަޒީރު ހައްޔަރުކޮށްފި


މާލީގެ އަސްކަރިއްޔާއިން އެ ޤައުމުގެ އިންތިޤާލީ ރައީސާއި ބޮޑުވަޒީރާއި ދިފާޢީ ވަޒީރު ހައްޔަރުކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 18ވަނަ ދުވަހު މާލީގެ އަސްކަރިއްޔާއިން ސަރުކާރާ ދެކޮޅަށް ކުރި ބަޣާވާތަށްފަހު އެ ޤައުމުގެ ރައީސްގެ ގޮތުގައި ހުންނެވި އިބްރާހީމު ބޫބަކުރު ކެއިތާވަނީ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. އެއަށްފަހު އެ ޤައުމުގެ އިންތިޤާލީ ރައީސްގެ ގޮތުގައި ކުރީގެ ދިފާޢީ ވަޒީރު ބާ އެންޑައުވަނީ ޢައްޔަނުކޮށްފައެވެ. ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވީ މުޚުތާރު އުއެނެވެ. އަދި ދިފާޢީ ވަޒީރުގެ ގޮތުގައި ހުންނެވީ ސުލައިމާން ދޫކޫރެވެ.

އިންތިޚާބެއް ބޭއްވުމުގެ ކުރިން އެކުލަވާލި 18 މަސް ދުވަހުގެ އިންތިޤާލީ ސަރުކާރު ހިންގުމުގެ މަސައްކަތް ރައީސް އެންޑައުއާއި ބޮޑުވަޒީރު އުއެނަށް ޙަވާލުކޮށްފައިވަނީ ބަޣާވާތްކުރި އަސްކަރިއްޔާއިންނެވެ. ނަމަވެސް ރައީސާއި ބޮޑުވަޒީރުވަނީ ސަރުކާރުގެ ބައެއް މައި މަޤާމުތައް އަސްކަރިއްޔާއަށް ދިނުމަށް ދެކޮޅުހަދައިފައެވެ. އެކަމާމެދު އަސްކަރިއްޔާގެ މެންބަރުންވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަސްކަރިއްޔާއިން އެ ތިން ބޭފުޅުން ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ މަޤާމުތަކަށް ގެނައި ބަދަލެއްގައި އަސްކަރިއްޔާގެ ދެ މެންބަރެއްގެ މަޤާމު ގެއްލުނުތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައެވެ.

މާލީގައި ތިއްބަވައި އދގެ ވަފުދުންވަނީ ތިން ބޭފުޅުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އަސްކަރިއްޔާއަށް ގޮވައިލައިފައެވެ. ޤައުމުގެ ވެރިން ހައްޔަރުކުރި ފަރާތްތަކުން އެކަމަށް ޖަވާބުދާރީވާންޖެހޭނެކަން އެ ވަފުދުންވަނީ ހަނދާންކޮށްދީފައެވެ. އެކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް، އެކޮވާސްއާއި އދއާއި އެފްރިކަން ޔޫނިއަނާއި ވިލާތުގެ އިއްތިޙާދުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އެކޮވަސްގެ ޚާއްޞަ ވަފުދެއް މާލީއަށް ދަތުރުކޮށް އެ ޤައުމުގައި ބަޣާވާތްކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށް މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރާނެކަމަށެވެ.

މާލީގައި އޮތް ހަމަނުޖެހުންތަކުގެ ސަބަބުން ހުޅަނގުގެ ޤައުމުތަކާއި އަވަށްޓެރި ޤައުމުތަކުން ފަޤީރުކަމުގެ ޙާލަތުގައި އޮތް މާލީއަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކަށްވަނީ ހުރަސްއެޅިފައެވެ. މާލީގެ ސަރުކާރުގެ އެންމެ އިސްވެރިން ހައްޔަރުކުރުމުން އެ ޤައުމުގައި އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ހަމަނުޖެހުންތައް އަނެއްކާވެސް އިތުރުވާނެއެވެ.