ޚަބަރު

ކޯވިޑް-19 : އިތުރު 2 މަރު، މިމަހު އެކަނިވެސް 82 މަރު


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުން އައި ދެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ރޭ ދަންވަރު 01:00 ހާއިރު ނިޔާވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 66 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިއީ ކޯވިޑް-19ގައި ނިޔާވި 143ވަނަ މީހާއެވެ. މިއަދު ހެނދުނު، 07:40 ހާއިރު ނިޔާވެފައިވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޯވިޑް ބަލީގައި މީހާތަނަށް 144 މީހުންވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 128 ދިވެހިންނާ 16 ބިދޭސީންނެވެ.
މި ހިނގާ މެއި މަހަކީ ރާއްޖޭގައި ކޯވިޑް-19 ބަލީގައި ރެކޯޑް އަދަކަށް މީހުން ނިޔާވެފައިވާ މަހެކެވެ. މި މަސް ފެށުނުއިރު ކޯވިޑް 19ގައި ނިޔާވި މީހުންގެ އަދަދުހުރީ 62 ގައެވެ. އެއީ 54 ދިވެހިންނާ 8 ބިދޭސީންނެވެ. މިމަހުގެ މިހާތަނަށް މިލީގައި 82 މީހުން މިވަނީ ނިޔާވެފައެވެ. އެއީ 74 ދިވެހިންނާ 8 ބިދޭސީންނެވެ.

ރާއްޖޭގަ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަހެއްގައި ނިޔާވެފައިވަނީ އިއްޔެއެވެ. އިއްޔެ އެކަނި 13 މީހުންވަނީ މިބަލީގަ ނިޔާވެފައެވެ.

ރާއްޖޭގަ މިހާތަނަށް 57،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބި މީހުންގެ އަދަދު 24000އަށްވުރެ މައްޗެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ 282 އަށް އަރާފައެވެ.