ޚަބަރު

ޅޮހީ ކޯޓުގެ އިސްމެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅައިފި


ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބެލި ނ.ޅޮހީ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައާއި ގުޅޭގޮތުން ކޮމިޝަނުން ވިދާޅުވީ ނ.ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ 2 ޤަޟިއްޔާއަކުން އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކު ތަނާޒުލްވެފައި ވަނީ ޝަރީޢަތް ކުރުމާބެހޭ ޤަވާއިދުގެ 35 ވަނަ މާއްދާއާއި، އެ މާއްދާގެ 2 ވަނަ ނަންބަރުގައި އަދި އެ ނޫންވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި، ފަނޑިޔާރަކާއި ޙަވާލުކުރެވޭ މައްސަލައެއް ބެލުމުން ތަނާޒުލްވެވޭނެ ކަމަށް ކަނޑައަޅާފަދަ ހާލަތެއްގައި ނޫންކަމަށެވެ.

އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކުގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު 3.1 އާއި ޝަރީޢަތް ކުރުމާބެހޭ ޤަވާއިދާއި ޚިލާފު ޢަމަލެއްކަމަށް ތަޚްޤީޤަށް ސާބިތުވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މިމައްސަލައިގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން އިސް މެޖިސްޓްރޭޓް އަޙްމަދު ޙަސަން މަނިކަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.