ވިޔަފާރި

އެސްޓީއޯގެ "އީސްޓޯރ" ޚިދުމަތް 24 ގަޑިއިރު ލިބޭނެ، އޮންލައިންކޮށް ވިޔަފާރިކުރޭ


މާލޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނާތީ އެސްޓީއޯއިން ކުރާ ވިޔަފާރިތައް އޮންލައިންކޮށް "އީސްޓޯރ.އެމްވީ" މެދުވެރިކޮށް ކުރުމަށް އެކުންފުނިން އެދިއްޖެއެވެ.

ކޯވިޑް-19ގެ މި ހާލަތުގައި ފިހާރަތަކަށް ގޮސް ތޮއްޖެހި ދިގު ކިޔުތަކުގައި ތިބުމުގެ ބަދަލުގައި ގޭގައި ތިބެގެން އާންމު ދިރިއުޅުމަށް ބޭނުންވާނެ ތަކެތި ގަތުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދުދެމުންނެވެ.

"އީސްޓޯރ.އެމްވީ"ގެ ޚިދުމަތަކީ އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތި ކަސްޓަމަރުންނަށް އޮންލައިންކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން "އީސްޓޯރ.އެމްވީ" އަށް ޒިޔާރާތްކުރުމުން އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ކާބޯތަކެއްޗާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި އެހެނިހެން ތަކެތި އޮންލައިންކޮށް ގަނެވޭނެއެވެ.

އެސްޓީއޯއިން ބުނީ އީސްޓޯރގެ ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަމަށެވެ. އެހެންކަމުން ބޭރަށް ދިއުން މަދުކޮށް ވިޔަފާރިކުރުމަށް އެސްޓީއޯގެ އީސްޓޯރ ޚިޔާރުކުރުމަށް ވަނީ އެދިފައެވެ.

މި ވެބްސައިޓު މަސައްކަތް ކުރާނީ އޮންލައިންކޮށް ވިޔަފާރިކުރާ އެހެން ވެބްސައިޓްތަކާއި ދާދި އެއްގޮތަކަށެވެ. އެގޮތުން މި ވެބްސައިޓުގެ ހޯމް ޕޭޖުގައި އެސްޓީއޯ ސުޕަރމާކެޓުން ވިއްކާ ތަކެތީގެ ފޮޓޯތަކާއި އަގުތަކާއި މި ތަކެތި ގަނެވޭނެ އެންމެ ގިނަ މިންވަރު ކަނޑައަޅާފައިވެއެވެ.

ހޯމް ޕޭޖުން ނުފެންނަ ބާވަތެއްނަމަ "ސާޗް" ބަޓަންއިން ހޯދާލެވެން ވެސް ހުރެއެވެ. އަދި މިތަނުން އެމީހަކު ބޭނުންވާ އެއްޗަކަށް ފިތާލުމުން އެތަކެތި "ކާޓް" ނުވަތަ ވަށިގަނޑަށް ލެވެއެވެ. ވަށިގަނޑަށް ލާ ހިސާބުން އެކަސްޓަމަރެއްގެ މަޢުލޫމާތު ފުރަން ޖެހޭނެއެވެ. މަޢުލޫމާތު ފުރުމަށްފަހު ބީއެމްއެލް އޮންލައިން ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ގަތް ތަކެއްޗަށް ފައިސާ ދައްކާލެވޭނެއެވެ.