ޚަބަރު

ޙާލަތު ދެނެގަނެ، މާރުކޭޓު ސަރަޙައްދާ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެންނަން ނިންމައިފި


މަސް މާރުކޭޓުން އައިސް ލިބޭނެ އިންތިޒާމާއެކު، މާރުކޭޓުތަކުގެ ޚިދުމަތްތަކަށް ގިނަ ބަދަލުތަކެއް ގެނައުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ. މީގެތެރޭގައި މާރުކޭޓުގެ ޚިދުމަތާ، ރައްކާތެރިކަމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންކަން ހިމެނެއެވެ. މާރުކޭޓުތަކާ ގުޅޭ ދިގު ރާސްތާ ޕްލޭނަކީ ޒަމާނީ އާ މާރުކޭޓުތައް ހެދުމެވެ.

މާލޭގެ މާސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ހާލަތު ސިޓީ ކައުންސިލުންވަނީ ބަލާފައެވެ. އަދި މާރުކޭޓުގެ ޚިދުމަތް ދިނުމާއި، އަދި ޚިދުމަތް ލިބިގަތުމުގައި އާއްމުންނަށް ހުރި ދަތިތަކާގުޅޭ ހޯދުންތައް ސިޓީ ކައުންސިލުންވަނީ ބަލާފައެވެ. މި ހޯދުންތަކަށް ބިނާކޮށް މުހިންމު ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސިޓީ ކައުންސިލުން ނިންމާފައިވާކަން، ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުވަނީ ހާމަކުރައްވާފައެވެ.

މުޢިއްޒު ވިދާޅުވީ ޚިދުމަތާއި ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާ ގުޅޭ ނިންމުންތައްވެސް ނިންމާފައިވާކަމަށެވެ. އެގޮތުން މިކަމުގެ ދާއިމީ ޙައްލެއްގެ ގޮތަށް އާ މާރުކޭޓު އެޅުމަށް ނިންމާފައިވީ ނަމަވެސް، މިމަސައްކަތް ކުރެވެންދެން މިހާރުހުރި މާރުކޭޓުތަކުގެ ޚިދުމަތަށް ބަދަލުގެނެސްފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް މަސްވެރިންނާއި، މަސް ގަނެ ވިއްކާ މީހުންނަށް މާރުކާޓުން ހަމަހަމަ ފުރުޞަތު ދިނުމުގެ ގޮތުން ގުރުއަތު ނަގައިގެން އަށި ދޫކުރާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި ކުދި މަސް ވިއްކާ ގޮޅިތައް ކުރިން، ހަފްތާ ބަންދުގައި ދޫނުކުރިނަމަވެސް، މިހާރު ހުކުރު ދުވަހުވެސް ކުދި މަސް ވިއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި ފަޅުގައި ފައްތިޔާގަ ތިބެގެން މަސް ގަނެ ވިއްކޭނެ ގޮތް ހަމަޖެއްސުމަށް، ވަކި އުސޫލެއްގެ ދަށުން 6 މަސް ދުވަހުގެ ހުއްދައެއް ދިނުމަށްވަނީ ނިންމާފައެވެ. މުޢިއްޒު ވިދާޅުވި ހުއްދަ ނުނަގާ މި މަސައްކަތް ނުކުރެވޭނެކަމަށެވެ. އަދި އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއްވެސް ހަމަޖައްސާފައިވާ ކަމަށެވެ.

އެންމެ މުހިންމު އެއް ކަމެއްގެ ގޮތުން، މާރުކޭޓުން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުންވަނީ މާރުކޭޓުތަކުގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މަސައްކަތްތަކެއް ފެށުމަށް ނިންމާފައެވެ. މުޢިއްޒު ވިދާޅުވި ސިޓީ ކައުންސިލްގެ މި ނިންމުންތައް ތަންފީޒްކުރުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފަށާނެކަމަށެވެ.

"މާރުކޭޓު ސަރަޙައްދުގެ ކާނުތައް ނަގާ އެތަނުގެ ކުންޏާއި ނަޖިސް ސާފުކޮށް އާ ކާނުތައް ބަހައްޓަން ފަށާނަން. އަދި މާރުކޭޓުގައި މަސް ކަނޑަން ބޭނުންކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ރެގިއުލާ ޓެސްޓުތައް ހަދާ ސިޓީ ކައުންސިލަށް ފޮނުވުމަށް އަންގާނަން." މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރަށްވެސް މަސް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު ސާފުކުރުމާ، އެތަންތަނުގަ ހުރި މަރާމާތުތައް ޙައްލުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓުގެ އެތެރޭގައި މާރުކޭޓު ބައިކުރުމަށް ހުރަހަށް ޖަފައިވާ ޕާޓިޝަންތައް ނަގާ، މާރުކޭޓުގެ އެއްކޮޅުން އަނެއްކޮޅަށް ދެވޭނެ ގޮތް ހަމަޖައްސާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ކައުންސިލުން މިވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅީގެ އަގު އެއް ހަމައަކަށް ގެންނަންވެސް ނިންމާފަ. އަދި ދެ އިމާރާތުގަވެސް ފާޚާނާއެއް ނެތް. އެހެންވީމަ ދެ އިމާރާތުގަވެސް ފާޚާނާ ހަދާނަން. މި ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ފަށާނަން." މުޢިއްޒު ވިދާޅުވިއެވެ.

މިގެއިތުރަށްވެސް މާރުކޭޓު ގޮޅިތަކުގައި ބިދޭސީން ތިބޭ މައްސަލައަށް ޙައްލު ގެންނަވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. މިކަމަށް 2 މަސްދުވަހުގެ މުޙުލަތެއްދީ، ޙައްލު ނުކުރާ ގޮޅިތައް ބަންދުކުރާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު، މަސްވެރިން ޚިދުމަތް ދިނުމަށް ޚާއްސަ ހުއްދައެއް ދޫކުރުމަށްވެސް ސިޓީކައުންސިލުންވަނީ ނިންމާފައެވެ.