ވިޔަފާރި

އަމާނަ ތަކާފުލްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް %15 ބަހަނީ


އަމާނަ ތަކާފުލްގެ 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް %15 ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ. އަމާނަ ތަކާފުލްގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ އިއްޔެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ އިންޝުއަރަންސްގެ މޭސްތިރިކަމަށްވާ އަމާނަ ތަކާފުލް މޯލްޑިވްސްގެ ދިހަވަނަ އަހަރީ ޢާއްމު ޖަލްސާ ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ ދަށުން ހިންގާ ފަހިވޯޓު ސިސްޓަމް މެދުވެރިކޮށެވެ.

ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ޑިރެކްޓަރުންގެ ބޯޑުން ވަނީ 2020 ވަނަ އަހަރުގެ ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމާފައެވެ. ނޮވެމްބަރު 2020 ގައި އިންޓެރިމް ފައިދާގެ ގޮތުގައި ދޫކޮށްފައިވާ %7.5 އާއެކު 2020 ވަނަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި %15 ހިއްސާދާރުންނަށް ބެހުމަށް އަހަރީ ޢާއްމު ޖަލްސާގައިވަނީ ނިންމާފައެވެ.

އަމާނަ ތަކާފުލްއަށް މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 23 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޖުމްލަ އާމްދަނީގެ ގޮތުގައި 127 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2019 ވަނަ އަހަރަށް ބަލާއިރު %7 ދަށް އަދަދަކަށްވިއަސް ދުނިއެއަށް ދިމާވެފައިވާ އިޤްތިސާދީ ހީނަރުކަމަށް ބަލާއިރު ރަނގަޅު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުންފުނީގެ ޗެއަރމަން، ތައްޔިބު އަކުބަރު އަލީ ވިދާޅުވީ، ޓުއަރިޒަމް ދާއިރާއަށް ބަރޯސާވެފައިވާ ރާއްޖޭގެ އެކި ސިނާއަތްތަކަށް ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ހުރަސްތަކާއެކު ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަމަށެވެ. ދުނިއެއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު ސިއްޚީ ކުއްލިނުރައްކަލުގެ ހާލަތާއެކު މިފަހަރުވެސް އަމާނަ ތަކާފުލް މޯލްޑިވްސްއިން މާލީގޮތުން އެކަށޭނެ ނަތީޖާއެއް ހާސިލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުންފުނީގެ ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބިފައިވާ އާމްދަނީ %60 ކުރިއަރާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކާއި ގުޅޭ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާތަކުން ހަދާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައިވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އަމާނާތަކާފުލްއިން ވަނީ ކުންފުނީގެ އާޓިކަލްސް އޮފް އެސޯސިއޭޝަނަށް ބަދަލުތަކެއް ގެނެސް، މިފަހަރުގެ އަހަރީ އާންމު ޖަލްސާގައި 2 އިންޑިޕެންޑެންޓް ޑިރެކްޓަރުން ބޯޑަށް އައްޔަންކޮށްފައެވެ. އެއީ އަހްމަދު އަލާއު އަލީއާއި، އަޙްމަދު އިނާޒްއެވެ.

އިންޝުއަރަންސް ބަދަލުގެ ގޮތުގައި އަމާނަ ތަކަފުލްއިން މިދިޔަ އަހަރު ވަނީ 37 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދީފައިވަނީ މެޑިކަލް ކްލެއިމްތަކަށެވެ.