ޚަބަރު

ކޯވިޑް-19 : މިއަދު ނިޔާވި މީހުންގެ ޢަދަދު 13އަށް، ކޯވިޑްގައި ޖުމްލަ 142 މަރު


ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 142އަށް އަރައިފިއެވެ. މިއަދު އެކަނިވެސް މިބަލީގައި 13 މީހުންވަނީ ނިޔާވެފައެވެ.

ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ)އިން ވިދާޅުވީ މިބަލީގައި މިރޭ އެންމެ ފަހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 2 މީހުންކަމަށެވެ. މީގެތެރޭގައި ހިމެނެނީ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ 142އަށްވަނީ އަރާފައެވެ. އެއީ 126 ދިވެހިންނާއި 16 ބިދޭސީންނެވެ.

މިއަދު ނިޔާވި މީހުންގެ ތެރޭގައި ގިނައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނިޔާވި މީހުންނެވެ. އެއީ 10 މީހުންނެވެ. އެންމެ ފުރަތަމަ މިއަދު ނިޔާވީ ރޭ މެންދަމު 2:2ގައި އައިޖީއެމްއެޗްގައި ނިޔާވި ޢުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި މިބަލީގައި މީހަކު މިރޭ ނިޔާވެފައިވާއިރު ޅ.ހިންނަވަރު ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދިޔަ ކޯވިޑް ބަލި މީހަކުވެސްވަނީ މިއަދު ނިޔާވެފައެވެ.

ކޯވިޑްގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހަކަށް މިއަދުވަނީ ވެފައެވެ. އުމުރުން ދުވަސްވީ މީހުން މިބަލީގައި އެވްރެޖްކޮށް ގިނަނަމަވެސް ފަހަކަށް އައިސް ބަލީގައި ނިޔާވާ އުމުރުން 50 އަހަރުން ދަށުގެ މީހުންވެސްވަނީ އިތުރުވެފައެވެ.