ޚަބަރު

ކޯވިޑް-19 ދިފާޢު : ރާއްޖެއިން އިތުރު 2073 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި އިތުރު 2،000އަށްވުރެ ގިނަ މީހުން ކޯވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފިއެވެ.

ކޯވިޑް-19އިން ދިފާއުވުމަށް 2 ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ފަންސާސް އަށް ހާސް ހަތްދިހަ ފަހަކަށް އަރާފައެވެ.

އާދީއްތަ ދުވަހު ވެކްސިން ޖެހުމުގެކަންކަން މާލޭއާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސެންޓަރުތަކުގައިވަނީ ކުރިއަށްގެންގޮސްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހީ 2073 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 158،070އަށް އަރާފައެވެ.

އެންމެފަހުން ރަށްރަށުގައި 1520 މީހުން ވެކްސިންގެ 2ވަނަ ޑޯޒް ޖަހާފައިވާއިރު، މާލެގައި ދެވަނަ ޑޯޒް ޖަހާފައިވަނީ 553 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒް 298 މީހުން ވަނީ ޖަހާފައެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާފައިވަނީ 282 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 306،430 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.