ޚަބަރު

މެދުއިރުމަތީގައި ޗައިނާއާއި ރަޝިޔާއިން ނުފޫޒު އިތުރުކުރާނެ: އެމެރިކާ


މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް މަދުކުރުމުން އެ ސަރަޙައްދުގައި ޗައިނާއާއި ރަޝިޔާގެ ނުފޫޒު އިތުރުކުރުމަށް އެ ދެ ޤައުމުން މަސައްކަތްކުރާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް އެމެރިކާއިން ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ޢިރާޤާއި ސޫރިޔާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ ޙާލަތާއި ޢަދަދު މުރާޖަޢާކުރުމުގެ މަސައްކަތްވެސް އެޤައުމުން ދަނީ ކުރަމުންނެވެ. އަދި އެމެރިކާއިންވަނީ ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާއިން އިސްވެ ޤާއިމުކޮށްފައިވާ އަސްކަރީ އިއްތިޙާދަށް ދެމުންދާ އަސްކަރީ އެހީތެރިކަންވެސް ހުއްޓާލައިފައެވެ. އެމެރިކާއިން ދަނީ މެދުއިރުމަތީގެ އެހެން ޤައުމުތަކުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި ފައުޖުތަކާއި ޙަތިޔާރުގެ ނިޒާމުތައްވެސް އަނބުރާ ޤައުމަށް ގެންނަމުންނެވެ.

މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެމެރިކާގެ ފައުޖުތަކުގެ އިސްވެރިއެއްކަމަށްވާ މެރިން ޖެނެރަލް ފުރެންކް މެކެންޒީވަނީ އެ ސަރަޙައްދުގެ ޤައުމުތަކަށް ވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދަތުރުގަައި މެދުއިރުމަތީގެ މަސްލަހަތަށް އިސްކަން އެމެރިކާއިން ދޭނެ މިންވަރާމެދު އޭނާއާ ބައްދަލުވައި ގިނަ ސިޔާސީ އަދި އަސްކަރީ އިސްވެރިން އައްސަވައެވެ، މެދުއިރުމަތީގައި އެމެރިކާއިން ޙަރަކާތްތެރިވާ މިންވަރު މަދުކުރުމުން އީރާނުން އެހީތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ކުރިމަތިލުމަށް އެ ސަރަޙައްދުގެ ޤައުމުތަކަށް ބޭނުންވާ ސިފައިންނާއި އަސްކަރީ އުޅަނދާއި އެހެނިހެން އަސްކަރީ އެހީތެރިކަން ނުލިބޭނެކަމުގެ ކަންބޮޑުވުން އެ ޤައުމުތަކުންވަނީ ޙިއްޞާކޮށްފައެވެ. އެމެރިކާއިން އެ ކަންބޮޑުވުންތަކަށް ޖަވާބުދާރީނުވެ ލަސްވާނަމަ އެ ޤައުމުތަކުން އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯދުން އެކަށީގެންވެއެވެ.

މެދުއިރުމައްޗަކީ ދުނިޔޭގެ ބާރުތަކުގެ މެދުގައި ވާދަވެރިކަން ވަރަށް ބޮޑު ސަރަޙައްދެއްކަމަށާއި ދަނޑިވަޅުގެ ބޭނުން ހިފައި ޗައިނާއާއި ރަޝިޔާއިން އެ ސަރަޙައްދުގައި ނުފޫޒު އިތުރުކުރުމަށް މަސައްކަތްކުރާނެކަމަށް މެކެންޒީ ވިދާޅުވިއެވެ. އެގޮތުން ހަތިޔާރު ވިއްކައިގެން އެ ދެ ޤައުމުންވެސް ފައިދާ ނެގުމަށް މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާއަކީ އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު ކޮންމެ ބަޔަކަށްވެސް ވިއްކަފާނެ ޤައުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޗައިނާއަކީ އެ ޤައުމުގެ އިޤްތިޞާދީ ބާރުތައް ފުޅާކޮށް މެދުއިތުމަތީގައި އަސްކަރީ މަރުކަޒުތައް ޤާއިމުކުރާނެ ޤައުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާއަށް އެންމެ ބޮޑު ސަލާމަތީ ގޮންޖެހުމަކީ ޗައިނާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޤަބޫލުކުރެއެވެ. ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުކުރިޔަ ނުދިނުމަށް އެމެރިކާއިން ސަލާމުކަން ދޭންޖެހޭކަމަށް ސަރުކާރުގެ އިސްވެރިން ބުނެއެވެ. އޭޝިޔާގެ އިތުރުން އެފްރިކާއާއި ދެކުނު އެމެރިކާއާއި މެދުއިރުމަތީގައި ޗައިނާގެ ބާރުގަދަކުރާނެކަމުގެ އިންޒާރު އަސްކަރީވެރިންވަނީ ދީފައެވެ.