ޚަބަރު

ކައުންސިލް އިންތިޚާބު: އަލުން ވޯޓު ގުނުމުންވެސް ކޮނޑޭ ކައުންސިލުގެ ރައީސަކަށް ޢަބްދުލްޙަކީމް


ނިމިދިޔަ ލޯކަލް ކައުްނސިލްތަކުގެ އިންތިޚާބުގައި ގއ.ކޮނޑޭ ކައުންސލްގެ ރައީސަކު ހޮވުމަށް ލީވޯޓު އަލުން ގުނުމުންވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޮނޑޭ ކައުންސލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން ޢަމުރުކޮށްފައިވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ. ހައިކޯޓުން އެގޮތަށް ޙުކުމްކޮށްފައި ވަނީ، ނިމިދިޔަ ކައުންސިލް އިންތިޚާބާގުޅިގެން ހުށައަޅާފައިވާ ޝަކުވާއާ ގުޅޭގޮތުން ބޭއްވި އަޑުއެހުމެއްގައެވެ. ކޯޓުން މީގެ ކުރިން ވަނީ އެ މައްސަލަ ނިމެންދެން ކޮނޑޭ ކައުންސިލްގެ ރައީސް ހުވާކުރުންވެސް މަޑުޖައްސާލާފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގއ.ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނަތީޖާ ދައްކާގޮތުން އެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރި ކެނޑިޑޭޓް އަހްމަދު ޢަބްދުލްޙަކީމެވެ. އޭނާއަށް ލިބިފައިވަނީ 130 ވޯޓެވެ. ދެވަނައަށް ގޮސްފައިވަނީ ހައިކޯޓަށް މައްސަލަ ހުށައެޅި ޝުޢައިބު މުޙައްމަދު ދީދީއެވެ. އަމިއްލަ ގޮތުން ވާދަކުރި ޝުއައިބު މުޙައްމަދު ދީދީގެ މައްޗަށް ގޮނޑި ކާމިޔާބުކުރި އަހްމަދު އަބްދުލް ހަކީމް ކުރި ހޯދާފައިވަނީ އެންމެ 2 ވޯޓުންނެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ޙުކުމްކޮށްފައިވަނީ، ޝަކުވާގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އިންތިޚާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއްކަމަށް ޤަބޫލުކުރެވޭކަމަށެވެ. އެހެންކަމުން ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ޢަމުރުކުރިއެވެ.

ކޯޓުގެ ޙުކުމާ ގުޅިގެން ކޮނޑޭ ކައުންސިލް މެންބަރުން ހޮވުމަށް ވޯޓުލީ 3 ވޯޓުފޮށި ގުނައިގެންވެސް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެކޮމިޝަނުސްގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ހައިކޯޓުންވަނީ ކައުންސިލް އިންތިޚާބާ ގުޅިގެން ހުށައެޅި 7 މައްސަލައެއް ބަލާފައެވެ. މީގެތެރެއިން 5 މައްސަލައެއް ނިންމާފައިވަނީ ސާބިތުނުވާކަމަށެވެ. ދެން ކޯޓުގައި ނުނިމި އޮތީ އެންމެ މައްސަލައެކެވެ. އެއީ ލ.މާބައިދޫ ކައުންސިލްގެ ރައީސުންގެ އިންތިޚާބާއި ގުޅޭ މައްސަލައެކެވެ.