ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ސެޕްޓެމްބަރު 25ގައި


މިމަހުގެ 29ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ދާއިރާތަކުގެ އިންތިޚާބު ފަސްކުރަން ނިންމީ އެ ޕާޓީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ޙާލުކޮޅު ސީރިއަސްވެ، އެމަނިކުފާނަށް ފަރުވާދެމުން ގެންދާތީ މިއީ އެންމެ ރަނގަޅު ދަނޑިވަޅަކަށް ނުވާތީކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތު ގޯސްވެ، މިވަގުތުގެ ހާލަތު ހުރިގޮތުން އިންތިޚާބު ފަސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކޭތީ ކަމުގައެވެ.

މިއިންތިޚާބުގައި ވާދަކުރެވޭނީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން 8 މެއި 2021ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ޝަރުޠު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިޢުލާނު ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގައެވެ. ސިޓީތަކާއި ދާއިރާތަކުގެ ޖުމްލަ 455 މަޤާމަކަށް މިހުން އިންތިޚާބުކުރަން ވަނީ ނިންމާފައެވެ.