ޚަބަރު

މާލޭ ސިޓީކައުންސިލުން ވިޔަފާރިއަށް ދޫކޮށްފާ ބިންބިމާ މާރުކޭޓް ގޮޅިތަކުގެ ކުލިން %30 ކުޑަކޮށްފި


މާލޭ ސިޓީކައުންސިލުން އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްފާ ބިންތަކުގެ ކުލިން %30 ކުޑަކުރުމަށް ނިންމައިފިއެވެ. ކުލި ކުޑަކުރުމަށް ނިންމާފައިވަނީ ކޯވިޑް19ގެ ޙަލަތާ ގުޅިގެން ޢާމްދަނީ ހޯދުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެންކަމަށް މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ސިޓީކައުންސިލްގެ ނިންމުންތަކާގުޅޭ މަޢުލޫމާތު މީޑިއާތަކާ ޙިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޯވިޑް19ގެ ޙާލަތާ ގުޅިގެން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމަށެވެ. މިއާގުޅިގެން ވިޔަފާރިތަކަށް ލިބޭ ޢާމްދަނީ ވަރަށް ބޮޑަށް ކުޑަވެ، ބައެއް ވިޔަފާރިތައް ހުއްޓުމަކަށް އައިސްފަތީ ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ބިން ކުއްޔަށްދީގެން ކުރިއަށްގެންދާ ގިނަ ވިޔަފާރިތަސް ހުރިކަމަށެވެ. ކައުންސިލުން މިހާރު ނިންމާފައިވަނީ ވިޔަފާރިތަކުން ދައްޖަންޖެހޭ ކުލިން %30 ކުޑަކުރުމަށް މޭޔަރު ވިދާޅުވިއެވެ. މީގެތެރޭގަ މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކާއި މާރުކޭޓު ގޮޅިތަކާއި ފަޅުތެރޭގައި ހުރި ފައްތިޔާތަކުން ނަގާ ކުލިވެސް ހިމެނެއެވެ. އަދި ކަނިވާއިން ކެފޭ ރެސްޓޯރަންޓް ހިންގުމަށް ދީފައިވާ ބިންތަށްވެސް ހިމެނެއެވެ.

"މާރުކޭޓު ގޮޅިތައް ފައްތިޔާތައް، އަދި ކައުންސިލުގެ ބިންބިމުގައި ކުރާ އެހެން ވިޔަފާރިތަކުންނަގާ ކުލިންވެސް %30 ކުޑަކުރަން މި ނިންމީ. އަގު ކުޑަކުރަން މިނިންމި ނިންމުން، ކޯވީޑްގެ މި ޙަލަތުން އަރައިގަނެވެންދެން އޮންނާނީ މިގޮތަށް." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ވިދާޅުވީ މާލޭ ސިޓީކައުންސިލުން މިގޮތަށް ނިންމަވާފައިވަނީ، ކޯވިޑްގެ މި ޙާލަތުގައި ވިޔަފާތިތަށް ބަނގުރޫޓު ނުވެ، އާއިއިލާތަކަށް ޢާމްދަނީ ލިބޭނެ މަގެއް ފަހިކޮށްދެއްވުމަށް ކުރައްވާ ކަމެއްގެގޮތުގައި ކަމަށެވެ.

މާލޭގައި ސިޓީކައުންސިލުން ކުއްޔަށް ދީފައިވާ ޕާކިން ޒޯނުތަކުގައި ޕްރައިވެޓް ކާރުތަކަށް ދޫކޮށްފަވާ ޒޯންތަކުން ނަގާ ފީ ދާއިމީކޮށް ކުޑަކުރުމަށްވަނީ ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ. އެގޮތުން ކުރިން ކަނޑައަޅާފައިވާ 3000ރުފިޔާގެ ކުލި، 1500އަށް ކުޑަކުރުމަށް ވަނީ ނިންމަވާފައެވެ. ކޯވިޑްގެ މި ޙާލަތުގައި މިހާރުވަނީ 1000އަށް މިފީ ކުޑަކޮށްފައެވެ.

ސިޓީކައުންސިލުންވަނީ ޕާކިން ލޮޓްތަކަށް ޓެކްސީތަކުން ދައްކާ 3000ރުފިޔާވެސް 750ރުފިޔާއަށް ކުޑަކޮށްފައެވެ.