ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިވަޕޫލުން ކަށަވަރުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ބޭނުންވާ ކަމުގައިވާނަމަ މޮޅުވުން ކޮންމެހެން މުހިންމު މިމެޗްގައި ލިވަޕޫލުންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހައި ލިވަޕޫލަށް ލީޑު ނަގައިދިނީ ސާދިއޯ މާނޭއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހައިދިނީވެސް މާނޭއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިވަޕޫލަށް ލިބިގެންދިޔައެވެ. އަދި ކްރިސްޓަލް ޕެލަސްއިންވެސްވަނީ ދޭތެރެ ދޭތެރެއިން ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ. މިމެޗް ވެގެންދިޔައީ ޕެލަސްގެ ކޯޗް ރޯއި ހޮޖްސަން އެޓީމަށް ކޯޗް ކޮށްދިން ފަހު މެޗަށެވެ.

މިކާމިޔާބީއާއެކު ލިވަޕޫލުން ޕްރިމިއަރ ލީގުގެ ސީޒަން ނިންމާލީ ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލައިގެންނެވެ. މިގޮތުން ލިވަޕޫލުން ކުޅުނު 38 މެޗްގައި އެޓީމްވަނީ 69 ޕޮއިންޓް ހޯދާފައެވެ. މިއީ މިއަހަރުގެ މާރޗްމަހު ތާވަލްގެ އަށްވަނައިގައި އޮތް ލިވަޕޫލަށް އެއިރު ހާސިލް ކުރެވޭނެކަމަށް ގިނަ ބަޔަކު ގަބޫލްކުރި މަގާމެއް ނޫނެވެ. ނަމަވެސް މެޗަކަށްފަހު މެޗަކަށް ކުޅުން ރަނގަޅުކޮށް ރަނގަޅަށް ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައަކާއެކު ސީޒަން ނިންމާލުމެވެ. މިސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި ލިވަޕޫލްގެ ގިނަ ކުޅުންތެރިން އަނިޔާއިން އެނބުރި އައިސް ކުޅުމުގެ ތެރެއަށް އައުމުގެ މަސައްކަތް ކުރަމުންދާތީ މިއަންނަ ސީޒަންގައި އަނެއްކާވެސް ލިވަޕޫލް ވަރުގަދަކޮށް ފެނިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.