ޚަބަރު

ޙައްޖު ކޯޓާ ލިބިއްޖެނަމަ އިސްކަންދޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް: އިސްލާމިކް މިނިސްޓަރ


މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ކޯޓާ ލިބިއްޖެނަމަ އިސްކަންދޭނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ކޯވިޑްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާއެކު ސަޢުދީ ޢަރަބިއްޔާއިން ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ނަމަވެސް މިފަހަރު ބޭރު ޤައުމުތަކަށް ފުރުޞަތު ދޭކަމެއް ނުވަތަ ނުދޭކަމެއް އަދި އެ ޤައުމުން ރަސްމީކޮށް ހާމައެއް ނުކުރައްވައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވީ މިހާތަނަށް ސަޢުދީ އަރަބިއްޔާއިން ޙައްޖާ ގުޅޭ އެއްވެސް ރަސްމީ ކަމެއް ނާންގާ ކަމަށާއި ރާއްޖެއަށް ކޯޓާ ލިބިއްޖެނަމަ ލިބުނު ވަރަކަށް މީހުން ޙައްޖަށް ފޮނުވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޯޓާ ލިބޭ ހިސާބުން ފެށިގެން ހައްޖަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށެވެ. އަދި މިހާރުވެސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށްދާން ބޭނުންވާ އެތައްބަޔަކު ތިބިކަމަށެވެ.

އިސްލާމިކް މިިިނސްޓަރ ވިދާޅުވީ މިފަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ އިސްކަންދޭނީ ކޯވިޑްގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށްކަމަށެވެ. އަދި ޙައްޖަށް ދާން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ވެކްސިން ނުޖަހާ މީހުން ތިބިނަމަ ހެލްތު މިނިސްޓްރީއާއި ގުޅިގެން ވެކްސިން ޖެހުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

ޙައްޖުގެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ހުއްދަ ލިބެންވާއިރަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. އަދި މިހާރުވެސް ހައްޖަށް ދާން ބޭނުންވެގެން 2500 އެއްހާ މީހުން ފައިސާގެ 75 އިންސައްތަ ދައްކާފައިވާކަމަށެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ކޯވިޑްގެ ސަބަބުން ރާއްޖެއިން އެއްވެސް ބަޔަކު ހައްޖަކަށް ގޮސްފައެއް ނުވެއެވެ.

އަހަރަކު ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1،000 މީހުންނަށެވެ. އެ ޤައުމުން އެގޮތަށް ނިންމީ ޙައްޖުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށެވެ.

މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައަޅާފައިވަނީ ކޮންޕިއުޓަރު މެދުވެރިކޮށް ގުރުއަތު ނަގައިގެންނެވެ. ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހުންވަނީ މައްކާއަށް ދަތުރުކުރުމުގެ 7 ދުވަސް ކުރިން ގޭގައި އެކަހެރިވެފައެވެ. އަދި މައްކާއަށް ދިއުމަށްފަހު އެމީހުންވަނީ ވަކި ހޮޓަލެއްގައި ކަރަންޓީންވެފައެވެ. އަޅުކަމުގެ ކަންކަމަށް އެއްތަނުން އަނެއްތަނަށް ޙައްޖުވެރިން ގެންގޮސްފައިވަނީ ބައިބަޔަށް ބަހައިގެންނެވެ. އަދި ކޮންމެ 50 ޙައްޖުވެރިއަކަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތެރިއެއް ކަނޑައަޅާފައިވެއެވެ.