ޚަބަރު

ސަލާމަތީ ސަބަބުތަކަށް މުލިއާގެ ވަށައިގެންވާ ސަރަހައްދުން ކާނުތައް މަދުކުރަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގޭގެ ވަށައިގެންވާ ސަރަހައްދުގައި ހުރި ކާނުތައް މަދުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަމުން އަންނަނީ މާލޭ ސިޓީ ކައުންސިލުންނެވެ. އެ ކައުންސިލްގެ މެމްބަރު އަހްމަދު ނަރީޝް ވިދާޅުވީ މުލިއާގޭގެ ވަށައިގެން ހުރި ކާނުތައް މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ އެދުމުގެ މަތިންކަމަށެވެ. އަދި އެ މަސައްކަތް ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އަންނަކަން ނަރީޝް ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިމަހުގެ 6 ވަނަދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ އެލާޓް ލެވެލްގެ މިންވަރު މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކާއި ވެރިރަށް މާލޭގެ މުހިއްމު ތަންތަނުގައި ހަތިޔާރާއިއެކު ސިފައިން އަންނަނީ ފޯރިމަރަމުންނެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރުމަގުގައި ސައިކަލެއްގެ ބޮމެއް ހަރުކޮށް އެއްޗެއް ގޮއްވާލާފައިވަނީ އެމަގުގައި ފާކުނުކުރެވޭ ގޮތަށް ހަދާދިނުމަށް މާލޭ ސިޓީ ކައުންސިލްގައި އެދިފައިވަނިކޮށް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. އަދި މިކަން ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް އެންގިކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ސިޓީ ކައުންސިލުންވަނީ ނީލޯފަރުމަގާއި އެ މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ޕާކުނުކުރެވޭ ގޮތަށް ހަދާ ކުރިން ސިޓީ ކައުންސިލް ހިންގި އިމާރާތް ބިއްލޫރިޖެހި ގޭގެ ތެރޭގައި ޕާކިން ޒޯންތަކެއް ހަދާ އާއްމުކޮށް ހުޅުވާލާފައެވެ.

ދައުލަތުގެ ދެ ބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ. މި މަސައްކަތުގެ ދަށުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅަށް ހަމަޖައްސާ ޙިމާޔަތާއި ރައްކާތެރިކަން އިތުރުކުރަން ކަމާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖީލީހަށް ފޮނުވުމަށް ވަނީ ނިންމަވާފައެވެ.