ޚަބަރު

އެއްބަޔަކު ސިޔާސީ ވާހަކައިގައި، އަނެއް ބަޔަކު ކަންމަތީ ކޮފީގައި


މީގެ އަހަރެއްހައި ދުވަސް ކުރިޔަށް ޖެހިލަމާ ހެއްޔެވެ. ކޯވިޑްގެ ނަން އިވުނަސް ދިވެހިން ތިބީ ބިރުން ފިތްކެނޑިފައެވެ. އެ ބަލި ޖެހޭކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. ބަލި ޖެހުމަކީ ނިކަން ކަންބޮޑުވިކަމަށްވިއެވެ. ބަލިޖެހޭ މީހާގެ މަޢުލޫމަތު އާއްމުވިޔަސް އެ ޢާއިލާއަކުން އެކަން ކުށްވެރިކޮށް ޝަކުވާތަކުގެ އެތައް މައްސަލައެއް ފެންމަތިވިއެވެ.

އަދި އެވަރަކުން ނިމުނީކީ ނޫނެނެވެ. ގެއިން ބޭރަށް ނުކުންނަނީވެސް ވަރަށް މަދު މީހެކެވެ. ގަނެގެން ގެންނަ ކޮންމެ އެއްޗެއް ގެއަށް ވައްދަނީ ދޮވެ ހިއްކާފައެވެ. ބޭރަށް ނުކުންނަ ފިރިންނާއި އަނބިންގެ ހާލު އެއަށް ވުރެ ބޮޑެވެ. ބޭރަށް ނުކުމެވެނީ އެހާ ހާލުންނެވެ. ވަނުމަށްފަހު ހުރިހާ އެއްޗެއް ދޮވެ ފެންވަރަންވެސް ޖެހެއެވެ.

އޭގެ އަހަރަކާއި 3 މަސް ފަހަތުން މިއަދަށް ޖެހިލަމާ ހެއްޔެވެ. ކޯވިޑް ޖެހޭ މީހުންގެ އަދަދު ހާހުން މައްޗަށް އަރާފައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސްވަނީއެވެ. މަރަކަށް ފަހު މަރެއްގެ ޚަބަރުތައް އަންނަމުން އައިސް އެންމެ އާދައިގެ ކަމަކަށް މިކަން ދިވެހިންނަށް މިހާރުވަނީވެފައެވެ. މިއީ އެހާ އާދައިގެ ކަމެއް ނޫނެވެ.

މުޅި ދުނިޔެ އެބައްޔަކަށް މީގެ ކުރިން ހުށަހެޅުނު ނުރައްކާތެރި ކޮލެރާއާއި ޝިގައްލާ ރާއްޖޭގައިވެސް ފެތުރި މިދެބަލީގައިވެސް ގިނަ ބަޔަކުވަނީ ދުނިޔެ ދޫކޮށްފައެވެ. މިކިޔަނީ 1970 އާއި 1980ގެ އަހަރުތަކުގެ ވާހަކައެވެ. ޞިއްޙީގޮތުން ރާއްޖެ މިއަށްވުރެ ދަށުގައި އުޅުނު އަހަރުތަކެއްގެ ވާހަކައެވެ. މީގެ ތެރެއިން 1977 އިން 1987އަށް ފެތުރުނު ކޮލެރާ ބަލީގައި ރާއްޖެއިން 250 މީހުން އަދި 1982 ގައި ފެތުރުނު ކޮލެރާ ގައި 197 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ. އެހެންނަމަވެސް މިއަދު ރާއްޖެ ކުރިމަތިލާފައިވަނީ މިއަށްވުރެ މާ ހިތާމަވެރި ދުވަސްތަކަކާއެވެ. އެގޮތުން އެއްދުވަސްތެރޭގައި ރެކޯޑް އަދަދަކަށް މީހުން ނިޔާވެ މިމަހުގެ 24 ވަނަ ދުވަސް މިވަނީ ތާރީޚުގައި ލިޔެވިފައެވެ. އެގޮތުން މިދުވަހު ރާއްޖެއިން 13 މީހަކު މިނުރައްކާތެރި ކޯވިޑްބަލީގައިވަނީ ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ.

ކުރިއަރާފައިވާ މިޒަމާނުގައި ދުނިޔޭގެ ބޮޑެތި ބާރުތަކަށްވެސް ކޮންޓްރޯލުން ނެއްޓި އެތައް ބަޔަކު އެބައްޔަކަށް ހުށަހެޅި މަރުވަމުންދާ ކޯވިޑްގެ މިނުރައްކާތެރި ބަލި ރާއްޖޭގައި ފެތުރި އެތައްބަޔަކު މިދަނި ދުނިޔެއާ އަލްވަދާޢުކިޔަމުންނެވެ. އެގޮތުން ކޯވިޑްގެ ނަމްބަރުތަކުން ފެންނަ އަދަދުތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ. ކޯވިޑް ރާއްޖެއިން ޖެހުނު މީހުންގެ އަދަދު މިވަނީ 57 ހާހަށްވުރެ މައްޗަށް އަރާފައެވެ. މީގެތެރެއިން 23 ހާހެއްހާ މީހުންނަކީ މިމަހުގެ މިދިޔަ 22 ދުވަހުގެ ތެރޭގައި މި ބަލި ޖެހުނު މީހުންނެވެ. ބަލީގައި 24،000 ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނައިރު 282 މީހުންނަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. ފެސިލިޓީތައް ފުރިފައެވެ. އައިސީޔޫ އާއި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ހޯދާ މީހުންގެ އަދަދު ހުރީ ކޮންމެ 24 ގަޑިއިރަކުން 10 ވުރެ މަތީގައިއެވެ.

ކޮންމެ ދުވަހަކު މަދުވެގެން 3 މީހުން ނިޔާވެ މި ބަލީގައި ނިޔާވި މީހުންގެ އަދަދު 140 އިން މައްޗަށް އެރީއެވެ. އޭގެތެރެއިން 82 މީހުންނަކީ މިމަހު ނިމިގެން މިިދޔަ 24 ދުވަހުގެ ތެރޭގައި ނިޔާވި މީހުންނެވެ. ނިޔާވި ދިވެހިންގެ އަދަދު މައްޗަށް އަރަމުން ގޮސް ސަތޭކަ ހުރަސްކޮށް މިވަނީ 144 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ފެންނަ މަންޒަރަށް ޖެހިލަމާ ހެއްޔެވެ. ދުނިޔެ ކުރިއަރާ މިންވަރަށް ހުރިހާ ދިވެހިންވެސް ކުރިއަރަން ބޭނުންވެއެވެ. އެންމެ ފަހުގެ މޮޅެތި ސްމާޓް ފޯންތަކާއި ނެރޭ ކޮންމެ އެޕެއް ބޭނުންނުކުރާ އެއްވެސް ދިވެއްސަކު ނެތެވެ. ނޭގޭ މައުލޫމާތެއް ނޭގޭ ކަމެއް ދިވެހިންނަކަށް ނެތެވެ. އެހެންނަމަވެސް އަމިއްލަ ސިކުނޑި ބޭނުންކުރަނީ ކިތައް މީހުންތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

ކޯވިޑްގެ ހާލަތު ގޯސްވެ މަރަކަށް ފަހު މަރަކާއި އެކު އެތައް ބައެއްގެ ގިސްލުމާއި އާދޭހުގެ އަޑު މިވަނީ އިންތިހާއަށް ބާރަށް ގުގުމާލާފައެވެ. ޚިދުމަތް ދިނުމުގައި ތިބި ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެ ވެއްޓޭ ވާހަކަތަކުގެ އަޑުތަކެވެ. ދުވާލަކު އެތައް ކަށްވަޅުތަކެއް ފުރެމުންދާ ވާހަކައެވެ. ބަލީގައި އާއިލީ މެމްބަރަކު ގެއްލިގެން ދިޔަ މީހުންނާއި ބަލީގައި ބޮޑުވަރުވެ ސަލާމަތްވި މީހުންގެ އިބްރަތުން ފުރިފައިވާ ވާހަކަތަކެވެ. އެހެންނަމަވެސް އެންމެ ބޮޑު ހިތާމައަކީ އެންމެ ޒަމާނީ ފެންވަރުގައި އުޅޭ އަޅުގަނޑުމެންގެ ގިނަ ބަޔަކަށް މިވާހަކަތައް ނުވެސް ފެންނަތާ އަޑުވެސް ހަމަ ނީވެނީއެވެ.

ބަލާލި ކޮންމެ ދިމާލަކުން މިވާހަކަތައް ފެނި އަޑުއިވުނަސް ދިވެހިން ތިބީ އެހެންކަމެއްގެ ތެރޭގައެވެ. އެއް ބަޔެއްގެ މަސައްކަތަކީ ސިޔާސީ ކުޅިވަރު ކުޅެ އެމީހަކު ބޭނުންވާ ކަމެއްގައި ސިޔާސީ މަންފާއެއް ހޯދާ އެކަން ހާސިލުކުރުމެވެ. ދެން ތިބި މީހުންގެ މަސައްކަތަކީ ކަންކަން މަތީގައި ކޮފީ ތަށިތައް ހިފައިގެން މަރުވާ މީހުންގެ އަދަދުތައް ގުނަ ގުނާ ތިބުމެވެ. ދެން ތިބި ބައެއްގެ މަސައްކަތަކީ ކޮންމެވެސް މީހެއްގެ ބޮލުގައި ކަންކަން އަޅުވާ އެ ބަޔަކަށް ފުރައްސާރަކޮށް އެއްޗެތި ކިޔަކިޔާ ތިބުމެވެ.

އުފެދޭ ސުވާލަކީ ކޮންމެ މީހަކުވެސް އަމިއްލަ ސިކުނޑި މިކަންކަމަށް ވިސްނާ މިކަމަށް ފިޔަވަޅު އަޅާނީ ކޮން އިރަކުންތޯ އުފެދޭ ސުވާލެވެ. ޑޮކްޓަރުން އިއްޔެވެސް މިއަދުވެސް ބުނަމުން އެ އަންނަނީ ހަމަ އެއް ވާހަކައެކެވެ. މިބަލީގައި އުޅެނީ އާދައިގެ ވައިރަހަކަށްވިޔަސް ނުވަތަ ކިތަންމެ ވަރުގަދަ ވައިރަސްއަކަށް ވިޔަސް އެ ބަލި ޖެހިފައިވާ މީހެއްގެ ކައިރިން ނޫނީ މި ބައްޔަކަށް ހުށަނޭޅޭނެ ވާހަކައެވެ. އަދި މި ބަލިޖެހިފައިވާ މީހާ ގައިން އަނެއް މީހާ ގަޔަށް ޖަރާސީމު އަރާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ތިބުމުންނެވެ. އެ ފިޔަވަޅުތަކީ ކޮބައިތޯއެވެ. ގައިދުރުކަން އިސްކުރުމާއި ރަނގަޅަށް މާސްކު އެޅުމާއި ސާފުތާހިރުކަން އިތުރުކުރުމުންނެވެ. މުޅި ޤައުމު ލޮކްޑައުންއަކަށް ދިޔުމުން ވީ ގޮތުގެ ޝަކުވާތައް އަދިވެސް މި އުޅެނީ ނުހުއްޓިގެންނެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވި ޝަކުވާތަކެވެ. ވިޔަފާރިތައް ހުއްޓި ވިޔަފާރިވެރިން ބަންގްރޫޓްވި ޝަކުވާތަކެވެ. މަގުމަތިން ކުނި ކޮތަޅު ހާވައިގެން ޒުވާނުން ކައި އުޅުނު ޝަކުވާތަކެވެ. ޒަމާނުންސުރެ މާލޭގައި ދިރިއުޅުން ބިނާކުރި އެތައް އާއިލާއެއް ދިރިއުޅުން ދޫކޮށްލާ ރަށަށް ދާންޖެހުނު ޝަކުވާތަކެވެ.

ބަލިން ރައްކާތެރިވުމަށް ވަކި ވަގުތެއްގައި ބޭރަށް ނުކުތުން މަނާކޮށް ތަންތަން ބަންދުކުރަން ނިންމުމުން އެއްބަޔަކަށް މިކަން ވަރަށް މަޖާ ޖޯކަކަށްވެސް ވެއެވެ. ސަބަބަކީ މިއީ ވަކި އިރެއްގައި އުޅޭ ވައިރަހެއްތޯ ބުނެ ކުރާ ފުރައްސާރައާއި މަލާމާތެވެ.

ތެދެކެވެ. މި ވައިރަސް މިއީ ވަކި އިރެއްގައި އުޅޭ ވައިރަހެއް ބާވައެވެ. ބުޅަލުގެ އުސޫލުން ދުވާލުވުމުން ގެއަށް ނުވަތަ ހިޔާ ގަނޑަކަށް ވަދެ ނިދަނީ ބާވައެވެ. ނޫނެކެވެ. މީ ހުރިހާ ވަގުތެއްގައިވެސް އުޅޭ ވައިރަހަކެވެ. ވަކި ވަގުތެއްގައި ބަންދުކުރުމުގައި އެތައް ސަބަބެއް އެބައޮތެވެ. އެއް ސަބަބަކީ ލޮކްޑައުންގައި ދިމާވި ކަންކަން ދިމާވި ނުދިނުމެވެ. ވަޒީފާތައް ގެއްލުމުގެ ފުރުސަތު ނުދިނުމުމެވެ. ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ނުކަުންނަށް ޖެހޭ މީހުންނަށް ނުކުމެ އެމީހުންގެ އެ ބޭނުންތައް ފުއްދުމަށް ފުރުސަތު ދިނުމުމެވެ. ވިޔަފާރިތައް ބަންދުކޮށް ކުލި ދައްކަން އެއްވެސް ފައިސާއެއް ނުލިބި ތިބެންޖެހޭ ގޮތް މެދުވެރިވެ ނުދިނުމެވެ.

އެއަށްވުރެވެސް މުހިއްމު އެންމެ ބޮޑު ބޭނުމަކީ އެންމެ ގިނައިން މީހުން އެއްވެ ނުވަތަ ނުކުމެ އުޅޭ ވަގުތުތަކުގައި މީހުން އެއްވުން މަދުކުރުމެވެ. ކޮފީތަކުގައި ބޮޑެތި ގްރޫޕްތައް ހަދައިގެން އެކި ތަންތަނުން މީހުން އެއްކޮށްގެން ތިބޭ ތިބުން ހުއްޓުވާލުމެވެ. މިކަން ކުރުމުގައި އޮތީ ހަމަ އެންމެ ސަބަބަކެވެ.

މި ބަލި ފެތުރޭ ޗެއިން ބުރިކޮށްލުމެވެ. އެކަން ވާން އޮތީ މީހުން ބައްދަލުވާ މިންވަރާއި ބައްދަލުކުރެވޭ ގޮތަށް ހުއްޓުވާލުމުންނެވެ. އެހެންނޫނީ ބަލި ފެތުރުން ހުއްޓޭނެ އެއްވެސް ގޮތެއް އަދި ފެންނާކަށް ނެތެވެ. ޑޮކްޓަރުން އެ ބުނެދީ އެ މަސައްކަތް ކުރަނީ މިކަން ކުރާށެވެ.