ޚަބަރު

ކިޔުމުގެ ޝައުގު އުފެދޭފަދަ ރީޑިންގ މެޓީރިއަލް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި


ދަރިވަރުންގެ ހިތްތަކުގައި ކިޔުމުގެ ޝައުގު އުފެދޭފަދަ ރީޑިންގ މެޓީރިއަލް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފުރުޞަތު ދީގެން ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ، ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑް 1،2،3 އާއި ކީ ސްޓޭޖް 2 ގައި ހިމެނޭ 4،5،6ގެ ދަރިވަރުންގެ ހިތްތަކުގައި ކިޔުމުގެ ޝައުޤު އުފެދޭފަދަ ފުރިހަމަ ރީޑިންގ މެޓީރިއަލް ތައްޔާރުކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި މަހުގެ 31ގެ ނިޔަލަށް ކުރިޔަށްދާ މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުންނާއި، އެން،އައި،އީގެ ފަންނީ ޤާބިލު ބޭފުޅުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ބައްދަލުވުމުގެ ބައިވެރިންނަށް ފޯރުކޮށްދޭ މަޢުލޫމާތު ބިނާ ކުރެވިފައިވަނީ، ބަހުގެ އުފެއްދުމެއްގައި ހުންނަންޖެހޭ ބަހުގެ އަދަބާއި، ޘަޤާފަތާއި، ރީތި ހަމަތަކަށް ފެތޭ ފެންވަރާއި އޮއްޓަރު ހުރި އުފެއްދުމެއް އުފެއްދުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށްކަމަށެވެ.


ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޖުމުލަ 1983 ޓީޗަރުން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއެވެ. މިބައްދަލުވުން ކުރިޔަށްގެންދަނީ، މިވަގުތުގެ ޚާއްޞަ ޙާލަތަށް ފުރިހަމައަށް އިޙުތިރާމް ކުރުމާއެކު، އެޗް،ޕީ،އޭގެ މިންގަނޑުތަކާ އެއްގޮތަށް ބައިވެރިން 8 ބަޔަށް ބަހާލައިގެން އޮންލައިން ކޮށެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ އެންމެހާ ކަންކަން އިންތިޒާމު ކުރަނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ.