ވިޔަފާރި

ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދު ޓްރެވަލް ކޮރިޑޯއެއް ގާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަނީ


ރާއްޖެއާއި ޔޫއޭއީއާ ދެމެދު ޓްރެވަލް ކޮރިޑޯއެއް ގާއިމްކުރުމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދާކަމަށް ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިމިނަތު ޝަބާނާ ވިދާޅުވެއްޖެއެވެ.

ޓްރެވަލް ކޮރިޑޯއަކާއެކު ރާއްޖެއާއި ޔޫއޭއީއާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރާކަށް ނުޖެހޭނެއެވެ.

ދުބާއީގައި މިމަހުގެ 16 އިން 19 އަށް ބޭއްވި އެރޭބިއަން ޓްރެވަލް މާރކެޓް، އޭޓީއެމް ފެއަރގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ޝަބާނާ ވަނީ ޓްރެވަލް ކޮރިޑޯ އާއި ގުޅޭ މަޝްވަރާތައް ދެޤައުމު ދެމެދު ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ޓްރެވަލް ކޮރިޑޯއެއް ޤާއިމްކުރެވޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ހިމެނޭ ޤައުމެކެވެ. އަދި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއަރލައިންކަމުގައިވާ އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދުއެވެ.

ކޯވިޑްގެ ކުރިން ރާއްޖެއަށް 2019 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން މޭމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކޮށްފައިވަނީ 3227 ފަތުރުވެރިންނެވެ. އެހެން ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށްވަނީ 4209 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 30 އިންސައްތައިގެ ކުރިއެރުމެކެވެ.