ޚަބަރު

ކޯވިޑްގެ ޙާލަތާ ގުޅިގެން މަޖިލީހުން ހެލްތު މިނިސްޓަރާ ސުވާލުކުރައްވަނީ


ކޯވިޑް-19ގެ ބަލިމަޑުކަމުގެ މިޙާލަތުގައި ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު އެކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގަންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިކަންކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާ ސުވާލުކުރެއްވުމަށް ހުށައަޅުއްވާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޙައިތަމެވެ. މަޖިލީހުންވަނީ ރާއްޖޭގައި ކޯވިޑްގެ އެކްޓިވް ކޭސްތައް ވަރަށްބޮޑަށް މައްޗަށް ގޮސްފައިވާކަމާއި އަދި މިބަލީގައި 23 ދުވަހުގެތެރޭގައ 50އަށްވުރެ ގިނަ މީހުން ނިޔާވެފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އެހެންކަމުން ސިއްޙީ ކުއްލި ޙާލަތުގެ މިދަނޑިވަޅުގައި އެތައް ބަޔަކު އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު އެކަށީގެންވާ ސިއްޙީ ޕްރޮފެޝަނަލުން ބޭނުންވާ ޢަދަދަށް ތިބިތޯއާއި، ހުރި އެނދުގެ ކެޕޭސިޓީއާއި އަދި ކޯވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ އިތުރު ވަޞީލަތްތައް ހުރި މިންވަރާ މެދުވަނީ ސުވާލުކުރައްވާފައެވެ. އަދި މިސުވާލުތަކުގެ ޖަވާބު ލިޔުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުންވަނީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް އަންގަވާފައެވެ.

ކޯވިޑ-19އާއި ގުޅިގެން ރައްޖޭގެ ޙާލަތު ގޯސްވަމުންދާތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރުވަނީ ނިންމަވާފައެވެ. މިހާރުވެސް މާލޭގެ އިތުރުން އަތޮޅުތެރޭގައި ކާފިއުގެ ގަޑިތއް ކަނޑައަޅާ އަންނަނީ ތަންފީޒުކުރަމުންނެވެ. އަދި 70 ރަށް އޮތީ އަރައިފޭބުން މަނާކޮށްފައެވެ.