މިއަދު އިރުއޮއްސުނު ފަހުން ކޯވިޑް-19ގައި 3 މީހުން ނިޔާވެ، މިބަލީގައި މިއަދު ނިޔާވި މީހުންގެ ޢަދަދު 6އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެންމެ ފަހުން ނިޔާވި 3 މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހުންނެވެ. އޭގެ ތެެރޭގައި ހިމެނެނީ 79 އަހަރުގެ ދިވެހި އަންހެނަކާއި، 69 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 76 އަހަރުގެ ދިވެހި ފިރިހެކެވެ.
މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 129އަށް އިތުރު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 114 ދިވެހިންނާއި 15 ބިދޭސީންނެވެ. ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ 3 ދިވެއްސަކު އިއްޔެވެސް ވަނީ ރާއްޖެއިން ނިޔާވެފައެވެ.
މިއަހަރު ފެށުނީއްސުރެ ރާއްޖެއިން ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވެ އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 54،000އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވެއެވެ. މިހާރުވެސް 22،000އަށްވުރެ ގިނަ މީހުން އަންނަނީ ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 300އާ ގާތްކުރާ ޢަދަދަކަށް މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.
ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެ މިމަސްވެފައިވަނީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން މިބަލީގައި ނިޔާވި މަހަށެވެ. އެގޮތުން މިމަހުގެ މިހާތަނަށް 56 މީހުންވަނީ މިބަލީގައި ނިޔާވެފައެވެ.