ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނީ، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށެވެ.
މޫސުން ގޯސްވާ ވަގުތުތަކުގައި އުދައެރުމާއި ރަށްރަށުގަ ފެންބޮޑުވުމާއި ކަނޑުމަތީގެ ޙާދިސާތައްވެސް އިތުރެވާތީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިޔަށް އޮތް 4 ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް މެޓުން ލަފާކުރެއެވެ. އެ އިދާރާއިން ވިދާޅުވީ ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދެވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މެޓް އޮފީހުން ވިދަޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާއްމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖެއާއި ދުރުން ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށާއި މި ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރުގެ ތޭރޭގައި ތޫފާނަކަށް ބަދަލުވުން އެކަށިގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ވިދާޅުވީ ލަފާކުރެވޭ ގޮތުގައި މި ކޮޅިގަނޑު ޖެހެމުންދަނީ އުތުރު ހުޅަނގު އުތުރަށް ރާއްޖޭއާއި ދުރަށެވެ.
މިމަހުގެ މެދުތެރޭގަ ރާއްޖެއަށް ކުރި ވިއްސާރައިގަވެސް ރަށްރަށް ބޮޑެތި ގެއްލުންތައްވެފަވެއެވެ. ޚާއްސަކޮށް އުދަ އަރައިގެން ގޭގެއާ މުދަލަށް ބޮޑެތި ގެއްލުންތައްވަނީ ވެފައެވެ.