ޚަބަރު

ވެލާ ކަހަނބު އޮޕަރޭޝަންކޮށް ފަރުވާދިނުމުގެ ފުރުސަތު ދިވެހިންނަށް


ވެލާ ކަނހަނބު ރައްކާތެރިކޮށް އަނިޔާ ވެފައިވާ ވެލައަށް ފަރުވާދޭނެ ދިވެހިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބ.އަތޮޅު ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ހުންނަ އޯލިވް ރެޑްލީ ޕްރޮޖެކްޓުން އަނަނީ ހިންގަމުންނެވެ. އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ)ގެ ވެޓް ޑޮކްޓަރުންގެ އެހީތެރިކަމާއެކު ހިންގާ މިތަމްރީނު ޕްރޮގްރާމުގައި މިހާތަނަށް 15 ދިވެހިންނަށް ވަނީ ތަމްރީންދީފައެވެ. ތިންމަސްދުވަހުގެ އިންޓަންޝިޕަކަށް ކުރިއަށްގެންދާ މިޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެފަރާތުން ބުނެއެވެ.

ދިރޭ އެއްޗަކަށް ފަރުވާދޭތަން ދެކިލުން ނުވަތަ ތަޖުރިބާކުރުމަކީ ދިވެހިން އެހާ ޢާއްމުކަމެއް ނޫނެވެ. ވަކިން ޚާއްސަކޮށް މިތަކެތި އޮޕަރޭޝަންކުރާތަން ފެނުމާއި، ފިޒިއޯ ތެރެޕީފަދަ ފަރުވާދީ ބޭސް ދިނުމާ ކާންދިނުމުގެ ކަންކަމަކީ ދިވެހިންނަށް އާކަންކަމެވެ.

އެހެންނަމަވެސް ތިންމަސްދުވަހުގެ އިންޓަރންޝިޕްގެ މިފުރުސަތު ނިމިގެންދާއިރު ރާއްޖޭގެ ކަނޑުގެ ދިރުމުގެ މުއްސަނދިކަމުގެ ތެރެއަށް ދިވެހިންނަށް ވަދެވި ވެލާކަހަނބަށް އޮންނަ ލޯބި އިތުރުވެ، މައުލޫމާތު މުއްސަނދިވެ، ރަނގަޅު މަސައްކަތެއް ކުރުމުގެ ހުނަރު ލިބިގެންދާނެއެވެ.
ކޮކޯ ޕާމް ދުނިކޮޅުގައި ވެލާ ކަނހަބަށް ފަރުވާ ދޭން ހަދާފައިވާ ސެންޓަރުން ވެލާ ކަހަނބަށް ފަރުވާދީ އެތަކެތި އޮޕަރޭޝަންކޮށް ފަރުވާދެނީ އެކަމަށް ޚާއްސަ ވެޓިނަރީ ޑޮކްޓަރެއްގެ އެހީތެރިކަމާއެކުގައެވެ.

"ވެލަޔަށް ކާންދިނުމަކީ ދަރިންނަށް ކާންދިނުން ކަހަލަ ކަމެއް. ވެލާ ކަނޑުން ހިފައިގެން ގެންނަ ފުރަތަމަކޮޅު ވަރަށް އުނދަގޫވާނެ މިކަންކަން ކުރަން އެންމެ ފުރަތަމަ ދެނެގަންނާނީ އޭގެ ބިހޭވިއަރ އެއަށްފަހު ފަރުވާދޭން ފަށާނީ ބައެއް ވެލާގެ އެކްސްރޭވެސް ނަގަން ޖެހޭ، އެފަދަ ކަންކަން ކުރަން ދިވެހިނަށް ދަސްކޮށްދިނުމަކީ ވަރަށް ޝައުގުވެރިކަމެއް." ވެޓް ޑޮކްޓަރު ޑރ.މީނާ ބުންޏެވެ.

މިފަދަކަމެއް ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކަނޑުގެ މިފަދަ ދިރުންތަކުގެ މައުލޫމާތު ދިވެހި ޒުވާނުންނަށް ފޯރުކޮށްދީ އެމީހުންގެ ފަރާތުން ޢާންމުންނަށް މިމެސެޖު ރައްދުކޮށްދިނުމެވެ. އަދި ކަނޑުގެ ދިރުމަށް ގެއްލުންވާ އެންމެހައި ކަންކަން ކުރުމުން ދިވެހި މުޖްތަމައު ސަލާމްތަ ކުރުމެވެ.

އޯލިވް ރެޑްލީ ޕްރޮޖެކްޓްއަކީ ދާ އަޅައިގެން މަސްވެރިކަން ކުރުމަށް ދޫކުރާ ދަލާއި އެހެނިހެން ކުނިބުނިން ވެލާ ކަހަނބު ސަލާމަތް ކުރުމަށް މަސައްކަތްކުރާ އިނގިރޭސިވިލާތުގެ ޖަމްޢިއްޔާއެކެވެ. މިމަސައްކަތް ރާއްޖޭގައި މިޖަމްއިއްޔާއިން ފަށާފައިވަނީ 2017ވަނަ އަހަރުއެވެ. މިހާތަނަށް ދަލާއި އެހެނިހެން ކުނިބުނީގައި ބަނދެވިފައިވާ 148 ވެލާ ކަހަނބުވަނީ ކަނޑާއި މޫދުން ނަގައި ފަރުވާދީފައެވެ. އޭގެތެރެއިން 90 ވެލާ ފަރުވާ ދިނުމަށްފަހު ކަނޑަށްވަނީ ދޫކޮށްލާފައެވެ. ބައެއްވެލާތައް ފަރުވާދިނުމަށް އެހެން ސެންޓަރުތަކަށް ގެންގޮސްފައިވާއިރު، މިހާރުވެސް 7 ވެލައަކަށް އެސެންޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ދެފިޔަ ބުރިވެފައިވާ ވެލާޔާއި އަޑިއަށް ނުދެވޭ ވެލާތައްވެއެވެ. އެއީ އަހަރެމެން އިންސާނުނަށް ކުރެވޭ ކުޑަކުޑަކަމަކުން ދިރޭ އެއްޗަކަށް ނޭންގިތިބެ ދެވޭ އަނިޔާއެވެ.